ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ 2022 – މޯލްޑިވްސް ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މިއީ އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

2022 ވަނަ އަހަރުގެ ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާއަކީ ތިން ފަންތިއެއްގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ބީޗް ވޮލީ ސާކިޓެކެވެ. މިގޮތުން މި މުބާރާތުގައި ފިއުޗާ، ޗެލެންޖް އަދި އެލީޓް 16 ކެޓެގަރީއެއް ހިމެނެ އެވެ. މިއަހަރު މާޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ އެކި ބައިތައް ވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފަ އެވެ.

މި މުބާރާތުގެ ރާއްޖޭގެ އިވެންޓު ކުރިއަށްދާނީ 13 އިން 16 އޮކްޓޫބަރު 2022 ނިޔަލަށް ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ. ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 28 ގައުމަކުން 200 އަށް ވުރެ ގިނަ ކުޅުންތެރިން މި ގްލޯބަލް އިވެންޓުގައި ބައިވެރިވެ އެވެ.

ރާއްޖޭގެ ވޮލީބޯލް އިތުރަށް ކުރިއެރުވުމަށާއި ރާއްޖޭގެ ވޮލީބޯލް ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ލިބޭ މިފަދަ އިވެންޓުތަކަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ފަޚުރުވާކަމެކެވެ.