Advertisement

މައިކްރޮސޮޕްޓުގައި ނޫސްވެރިންގެ ބަދަލުގައި ރޮބޮޓު

FacebookTwitterWhatsAppTelegramViber

މައިކްރޮސޮފްޓުގެ އެމްއެސްއެން ވެބްސައިޓްގައި ހަބަރުތައް ޝާއިއުކުރުމަށް މަސައްކަތްކުރާ ކޮންޓްރެކްޓް ނޫސްވެރިންގެ ބަދަލުގައި އޮޓޮމޭޓެޑް ސިސްޓަމްތައް ބޭނުންކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެމްއެސްއެންގެ ސައިޓްގައި ނޫސް އޮގަނައިޒޭޝަންތަކުގެ ހަބަރުތަކާއި ފޮޓޯ ޝާއިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ނޫސްވެރިންނެވެ.

އެހެން ނަމަވެސް މީގެ ފަހުން އެ މަސައްކަތް ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަމަށް ސިއެޓްލް ޓައިމްސް އަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ ވިޔަފާރި އިވެލުއޭޓުކުރުމުގެ ބައެއް ކަމަށެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވާ ގޮތުން ހުރިހާ ކުންފުނިތަކެކޭ އެއްފަދައިން އެ ކުންފުނިންވެސް ގަވައިދުން ވިޔަފާރި އިވެލުއޭޓުކުރަމުންދާ ކަމަށާއި މީގެ ސަބަބުން ވިޔާފާރީގެ ބައެއް ހިސާބުތަކުގައި އިންވެސްޓްމެންޓު އިތުރުކުރާނެ ކަމަށާއި ބައެއް ހިސާބުތަކުގައި ރީޑިޕްލޮއިމެންޓް ކުރާނެ ކަމަށެވެ.

އަދި މިއީ ޕެންޑެމިކްއާއި ގުޅިގެން އެޅިފައިވާ ފިޔަވަޅެއް ނޫންކަމަށް ވެސް މައިކްރޮސޮފްޓުން ވަނީ ބުނެފަ އެވެ.

އެހެން ޓެކް ކުންފުނިތަކެކޭ އެއްފަދައިން މައިކްރޮސޮފްޓުން ނޫސް އޮގަނައިޒޭޝަން ތަކުގެ ހަބަރުތައް އެ ކުންފުނީގެ ވެބްސައިޓުގައި ބޭނުންކުރުމަށްޓަކައި ފައިސާ ދައްކަ އެވެ.

އަދި ވެބްސައިޓްގައި އާންމު ކުރެވޭނީ ކޮން ހަބަރުތަކެއް ކަން ކަނޑައަޅަނީ މައިކްރޮސޮފްޓްގައި މަސައްކަތްކުރާ ނޫސްވެރިންނެވެ.

ސިއެޓްލް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ޖޫން މަހުގެ ފަހުކޮޅު 50 އެއްހާ ނޫސް ޕްރޮޑިއުސަރުންގެ ވަޒީފާ ގެއްލޭނެ އެވެ. އެހެން ނަމަވެސް ފުލް-ޓައިމްގައި މަސައްކަތްކުރާ ނޫސްވެރިންގެ ޓީމެއް ދެމިތިބޭނެ އެވެ.

ވަޒީފާ ގެއްލިފައިވާ ނޫސްވެރިޔަކު ދަ ޕޭޕާ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އިންސާނުންގެ ބަދަލުގައި މެޝިން ބޭނުންކުރަން ނިންމުމަކީ ހިތާމަކުރާ ކަމެއް ކަމުގައި އެވެ.

މީގެ އިތުރުންވެސް ބައެއް ނޫސްވެރިން ބުނެފައިވާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް އަށް އެޑިޓޯރިއަލް ގައިޑްލައިންއާ އެހާ އަހުލުވެރި ނުވާނެ ކަމަށާއި މީގެ ސަބަބުން އާންމުކޮށްގެން ނުވާނެ ފަދަ ހަބަރުތައް އާންމު ކުރެވިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެވެ.

-- ސީއެންއެން

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top