Advertisement

ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު

ހަރަދު ކުޑަކުރަން ފިޔަވަޅު އެޅިޔަސް ދައުލަތުގެ ޖުމްލަ ހަރަދު މައްޗަށް!

FacebookTwitterWhatsAppTelegramViber

ދައުލަތުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ސަރުކާރުން ބުންޏަސް، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު މައްޗަށް ގޮސްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ޖުމްލަ 9.342 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 9.289 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެހެން ނަމަވެސް، ރިކަރަންޓް ހަރަދު ވަނީ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފަ އެވެ. އެގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތް ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ޖުމްލަ 6.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 6.9 ބިލިއަން ރުފިޔާ އެވެ.

ރިކަރަންޓް ހަރަދު ޖުމްލަކޮށް ކުޑަވިޔަސް، އޭގެ ތެރެއިން ހަމައެކަނި ކުޑަވެފައިވާ މައިގަނޑު ހަރަދުގެ ބަޔަކީ، ބަދަލުގެ ގޮތުގައި ދިން ފައިސާ ފަދަ ދައުލަތަށް ގެއްލުނު ފައިސާ ނުވަތަ ނުލިބޭނެ ކަމަށް ބަލާފައިވާ ފައިސާގެ މިންވަރެވެ. އެގޮތުން، ލޮސަސް އަދި ރައިޓްއޮފްގެ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 337 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ރިކަރަންޓް ހަރަދުގެ ތެރޭގައި ގާތްގަނޑަކަށް އެހެން ހުރިހާ ހަރަދެއް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން:

  • މުސާރަ އާއި އިނާޔަތްތަކަށް: މިދިޔަ އަހަރު 3.463 ބިލިއަން ރުފިޔާ / މި އަހަރު 3.553 ބިލިއަން ރުފިޔާ
  • އިދާރީ ނުވަތަ އެޑްމިނިސްޓްރޭޓިވް ހަރަދު: މިދިޔަ އަހަރު 3.147 ބިލިއަން ރުފިޔާ / މި އަހަރު 3.228 ބިލިއަން ރުފިޔާ

ކެޕިޓަލް ހަރަދު ވަނީ ޖުމްލަކޮށް މައްޗަށް ގޮސްފަ އެވެ. އެގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 2.559 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 2.341 ބިލިއަން ރުފިޔާ އެވެ. އެގޮތުން:

  • ތަކެތި ގަތުމަށް: މިދިޔަ އަހަރު 140 މިލިއަން ރުފިޔާ / މި އަހަރު 118.9 މިލިއަން ރުފިޔާ
  • ބިމާއި އިމާރާތްތަކަށް: މިދިޔަ އަހަރު 166.3 މިލިއަން ރުފިޔާ / މި އަހަރު 879 މިލިއަން ރުފިޔާ
  • އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް: މިދިޔަ އަހަރު 1.046 ބިލިއަން ރުފިޔާ / މި އަހަރު 600 މިލިއަން ރުފިޔާ
  • ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތަކަށް: މިދިޔަ އަހަރު 465 މިލިއަން ރުފިޔާ / މި އަހަރު 160 މިލިއަން ރުފިޔާ

މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ވަނީ 3.285 ބިލިއަން ރުފިޔާ އިން ދަރަނިވެފަ އެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 އިންސައްތަ ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ.

އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top