އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ތިންވަނަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.

ބޭސިކް އެއާ ޓްރެފިކް ކޮންޓްރޯލާސް ޓްރެއިނިން ކޯހުގެ ތިން ވަނަ ބެޗުގައި ޖުމްލަ ނުވަ އެއާ ޓްރެފިކް ކޮންޓްރޯލަރެއް އެ ކުންފުނިން ތަމްރީންކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކޯހުގެ ބައިވެރިން 8 ހަފްތާގެ ތަމްރީން ފުރިހަމަ ކުރި ކަމަށެވެ.

މި ކޯސް ކުރިއަށް ގެންދިޔައީ މިދިޔަ އޮގަސްޓް 21 ން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެ ކޯހުގައި ބައިވެރިވި ހުރިހާ ބައިވެރިންނަކީ ވެސް އެއާ ޓްރެފިކް ސެންޓަރު (އޭޓީސީ) އާއި މުޅިން އަލަށް ގުޅުނު ފަރާތްތަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ އެ ތަމްރީނުގެ މަގުސަދަކީ އެއާ ޓްރެފިކް ސާވިސަސްގެ އައު ރެކްރޫޓުންނަށް ބޭނުންވާ ތިއޮރެޓިކަލް ނޮލެޖް ފޯރުކޮށްދީ، އޭޓީސީ ރޭޓިންއަށް ތައްޔާރުކުރުން ކަމަށެވެ. އަދި ކޯހުގައި ކިޔަވައިދިނީ އޭޓީސީގެ ތަމްރީން ލިބިފައިވާ ޓްރެއިނަރުންނެވެ. އޭގެ އިތުރުން މުޅި ކޯސް ޑިޒައިންކުރީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް އެމްއޭސީއެލުން ހިންގި ތިންވަނަ ތަމްރީން ޕްރޮގްރާމް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

މި ކޯސް ފުރިހަމަކުރި ފަރާތްތަކުން މޯލްޑިވްސް އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން އެހެނިހެން ރީޖަނަލް އެއާޕޯޓްތަކުގައި މަސައްކަތްކުރާނެ ކަަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލްއަކީ ހުރިހާ ރީޖަނަލް އެއާޕޯޓްތަކެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުތައް މެނޭޖްކުރާ ކުންފުންޏެކެވެ.

އެ ކުންފުނިން އަންނަނީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުންގެ ގާބިލުކަމާއި މައުލޫމާތު އިތުރު ކުރުމަށް ބޭނުންވާ ތަމްރީނާއި ހުނަރުތައް އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.