އީކޮމާސް ސައިޓްތަކުގައި ވިސާ ކާޑުތަކުން ކުރާ މުއާމަލާތްތަކުގައި ދަތިތަކެެއް ކުރިމަތިވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ބޭންކުން މިއަދު ބުނީ ޕޭމަންޓް ގޭޓްވޭ އަދި ބީއެމްއެލްއިން ދޫކުރާ ކާޑުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުހިންމު އަޕްގްރޭޑް މަސައްކަތްތަކެއް ކުރަމުންދާތީ، ބީއެމްއެލްއިން ދޫކޮށްފައިވާ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ރާއްޖޭން ބޭރުގެ ބައެއް އީކޮމާސް މާޗެންޓްގައި ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެ ކަމަށެވެ.

އެހެން ނަމަވެސް ކަސްޓަމަރުންނަށް، ރާއްޖޭން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްގައި ވިސާ ކާޑު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ މި އަޕްގްރޭޑްގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައި، ހިދުމަތް އަލުން ފެށުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި އަޕްގްރޭޑް ނިމުމުން ބޭންކުން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.