މީޑިއާނެޓުން މި އަހަރު ރާއްޖެ ޓީވީ އަދި އައިސް ޕްލަސްއާ ގުޅިގެން ފީފާ ވޯލްޑް ކަޕް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވާއިރު، މި އަހަރުގެ ކަވަރޭޖުގެ ޓައިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އިއްޔެ ސޮލައިޓް ރެސްޓޯރެންޓްގައި ވަނީ ހަފްލާއެއް ބާއްވާފަ އެވެ.

މި ހަފްލާގައި އުރީދޫ އާއި މީޑިއާނެޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ: އުރީދޫގެ ފަރާތުން ސޮއިކުރެއްވީ، އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމަދީ އަދި ސީސީއޯ ހުސެން ނިޔާޒް މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ، މީޑިއާނެޓްގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަފީއު އާއި ސީއޯއޯ އަހުމަދު ނަބާހް އެވެ.

މިއާއެކު އައިސް ޕްލަސް އަދި ރާއްޖެ ޓީވީގެ ފަރާތުން ވެސް ވަނީ މިހަފްލާގައި އުރީދޫއާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސީއީއޯ ހާލިދް ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށެވެ. އަދި ހަމަ އެގޮތުން އުރީދޫ ގްރޫޕާ ވެސް ވަރަށް ގާތްކަމެއް އޮންނަ ކުޅިވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަހަރުގެ ވޯލްޑްކަޕަށް އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ސަޕޯޓަރުންނަށް ކުލަގަދަ، އަދި ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މީޑިއާނެޓް އާއި މިއަދު މި ޕާޓްނަޝިޕް ގާއިމް މިކުރީ ނުހަނު އުފަލާއެކު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމާބެހޭ ގޮތުން މީޑިއާނެޓްގެ ނަބާހް ވިދާޅުވީ މިއަހަރު ރާއްޖޭގެ ތާރީހުގައި ވެސް އަލަށް، ވޯލްޑްކަޕް ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ޗެނަލްތަކަކުން ފެނިގެންދާނެ ކަމަށެވެ. މިގޮތުން މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެނިގެންދާނީ އައިސް ޕްލަސް އަދި ރާއްޖެ ޓީވީންނެވެ. އަދި މި މުނާސަބަތުގައި އުރީދޫގެ އެއްބާރުލުން ލިބިގެން ދިއުމަކީ މީޑިއާނެޓަށް ވެސް ލިބިގެންދާ ޝަރަފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ގަ އެވެ. މީގެ އިތުރުން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ވަނީ ރޭވިފަ އެވެ.