އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ބިން ދޫކުރުމުގެ އުސޫލާއި ހިލާފަށް ބޮޑު ބިމެއް ސ. ފޭދޫ ބަނދަރުން ބަޔަކަށް ދިން ކަމަށް ބުނެ މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހުށަހެޅި ނަމަވެސް އެ ރަށުން ލިއޯ ޓްރޭޑިންއަށް ދިން ބިމެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ލިއޯ ޓްރޭޑިންގެ އިސް ބޭފުޅަކު ވިދާޅުވީ ފުވައްމުލަކު މަގު ހެދުމަށް އެމްޓީސީސީއަށް ބޭނުންވާ ހިލަވެލި ބަހައްޓާދީފައި ވާނީ އެމްޓީސީސީން ދެއްކި ބިމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ފުވައްމުލަކު މަގު ހެދުމަށް ބޭނުންވާ ހިލަވެލި ބެހެއްޓުމަށް ފޭދޫ ހިއްކި ބިމުން އެއްލައްކަ އަކަ ފޫޓުގެ ބިމެއް ދީފައި ވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. މި ހިލަ ހިލަވެލި އެމްޓީސީސީއަށް ސަޕްލައިކޮށްދެނީ އެމްއެމް އެކްސްޕޯޓް ކުންފުނިންނެވެ.

"ހިލަވެލި ގެނެސް ދިނުމުން އެމްޓީސީސީއަށް ފޭދޫން ދީފައިވާ ބިމަށް އަންލޯޑްކޮށްދިނުމުން އަޅުގަނޑުމެންގެ މަސައްކަތް ނިމުނީ. އެތަނުން ފުވައްމުލަކަށް ހިލަވެލި އުފުލަނީ އެ މީހުން އަމިއްލައަށް،" ލިއޯގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީއަށް ފޭދޫން ބިން ހޯދައިދިނުމުގައި ލިއޯގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ގެންނަ ހިލަވެލި ފޭދޫ ހިއްކި ބިމުގެ ސައިޓަށް ބޭލުމުގެ ހުއްދަ ދިނީ އެމްޓީސީސީން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަންލޯޑްކުރީ ސިޓީ ކައުންސިލްގެ އިންސްޕެކްޓަރު ދެއްކި ތަނަކަށް. މިކަން އެނގޭނެ އެމްޓީސީސީއަށް ވެސް،" އޭނާ ވިދާޅުވި އެވެ.