ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިފަހުން ރާއްޖެއަށް ޒިޔާރަތްކުރި 100،000 ވަނަ ޓޫރިސްޓަށް މިއަދު ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި 100،000 ވަނަ ޓޫރިސްޓަށް އެއާޕޯޓުގެ ހަނދާނީ ހަދިޔާއެއް ދެނީ. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެއް ލައްކަވަނަ ޓޫރިސްޓުން ރާއްޖެ އައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މި ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުޙަބާ ކިޔާފަ އެވެ. އެއް ލައްކަ ވަނަ ޓޫރިސްޓަކީ ސްވިޒަލޭންޑްގެ މީހެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މިއަދު އެއްލައްކަ ޓޫރިސްޓުން ހަމަވާނެ ކަމަށެވެ.

އޭގެ އިތުރުން މިއަދަކީ ޓޫރިޒަމް މިނިސްޓްރީއަށް އަހަރު ފުރޭ ދުވަސް ކަަމަށާއި އެ މިނިސްޓްރީން މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ކުރި ޓާގެޓް ހަމަވެގެން ދިއުމަކީ އުފާވެރި ކަމެއްގެ ގޮތުގައި މައުސޫމް ވަނީ ސިފަކުރައްވާފަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް މަހުގެ ފަހުކޮޅު ބަންދުކޮށް، އަލުން ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15ގަ އެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިމަހުގެ 25ގެ ކުރިން މިއަހަރު ރާއްޖެއަށް 500،000 ޓޫރިސްޓުން ގެނައުމެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ޓޫރިސްޓް ހުރިހާ ފެސިލިޓީތަކަކަށް މިހާރު ވަނީ ހުޅުވުމުގެ ހުއްދަ ދީފަ އެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއައި 100،000 ވަނަ ޓޫރިސްޓުގެ އެއާޕޯޓުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރިސޯޓުތަކާއި ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވާއިރު އެތަންތަނުން ވަކި ޚާއްސަ ގައިޑްލައިންތަކެއް ކަނޑައަޅައި، ޢަމަލުކުރަން ޖެހެ އެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.