ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތީ ރަނގަޅު ފައްތަރެއްގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަންދާޒާކުރި ވަރަށްވުރެ ވެސް ރަނގަޅަށް ޕާފޯމް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު އަންދާޒާކުރި ވަރަށްވުރެ ރަނގަޅު ކަމަށާއި، މުސްތަގުބަލުވެސް ފެންނަނީ ރަނގަޅަށް ކަމަށް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

"މިދިޔަ އަހަރު ނިމުނުއިރު އަންދާޒާއަކަށްވީ ރާއްޖޭގެ އިގްތިސާދު ކުރިއަރައި ދިޔައީ 37 ޕަސެންޓު ކަމަށް، މިހާރު ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ އަންދާޒާއަކީ 41.6 ޕަސެންޓު މިދިޔަ އަހަރު ރާއްޖޭގެ ގްރޯތް އައޭ، ދުނިޔޭގެ ނިސްބަތުންވެސް ކޮވިޑަށްފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން އެބަދޭ. އެހެންވީމަ ރާއްޖޭގެ އިގްތިސާދު މިވަނީ ވަރަށް ރަނގަޅު ފައްތަރެއްގައި،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލާމެދު ދެކޭ ގޮތް ފިޗް ކްރެޑިޓް ރޭޓިން އެޖެންސީން ވަނީ ނެގެޓިވް އަށް ބަދަލުކޮށްފަ އެވެ.

އެކަމާ ގުޅިގެންވެސް އަމީރު ވިދާޅުވީ އެންމެ ފަހުން ފިޗްގެ ރޭޓިންނަށް ބަލާއިރުވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ ރެޒިލިއަންސާއު ކޮންސްޓްރަކްޝަން އަދި އެހެނިހެން ދާއިރާތައްވެސް ރަނގަޅުކަމަށެވެ. "އެކަމަކު ދުނިޔޭގެ އެހެނިހެން އިގްތިސާދުތަކަށް މިއަންނަ ލޮޅުންތަކާއެކު އައުޓްލުކް މިވަނީ ނެގެޓިވްވެފަ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ރައީސް ސޯލިހުވެސް ވިދާޅުވެފައިވަނީ އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ.