ބެޑްމިންޓަންގެ 2022 ވަނަ އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި- ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށް ބާއްވާ އިވެންޓެކެވެ.

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާރކިޓް އެކުލެވިގެންވަނީ ތިން ލެވެލްއަކަށް ބަހާލެވިފައިވާ 70 ޓޯނަމެންޓެއްގެ މައްޗަށެވެ. މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ. ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕްއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިންގ ޕޮއިންޓް ލިބޭނެ އެވެ.

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓަރނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ 18 އިން 23 އޮކްޓޫބަރު 2022 ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގަ އެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ގައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތަކުރާނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އައު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.