ދަނޑުވެރިކަންކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ކާށިދޫއަށް ކުރައްވާ މި ދަތުރުފުޅަކީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކާށިދޫ ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ދަނޑުވެރިކަން ކުރުމަށް ޚާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކާށިދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު ކާށިދޫގެ މަގު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިން ވަނީ ދިމާވާ ގޮންޖެހުންތަކާއި މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ރައީސާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ދަނޑުވެރިކަން ކުރުމުގައި ބިން ލިބުމުގައި ދިމާވާ ދަތިތަކާއި ބިމެއް ނެތި ރަނގަޅު ދަނޑުވެރިކަމެއް ނުކުރެވޭނެކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ލޯނު ލިބުމުގައި ދިމާވާ ދަތިތަކަކާއި ދަނޑުތަކަށް ދިމާވާ ތަފާތު ބަލިތަކުގެ ވާހަކަތައް ވަނީ ހިއްސާކޮށްފަ އެވެ.