ޖީއެސްޓީއާއި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނުލިބިހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

ބޮންޑޭ ވަނީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ފަތުރުވެރިން އަތުން ޓެކުސް ފައިސާ ނެގުމަށްފަހު ދައުލަތަށް ދައްކަންޖެހޭ މި ދެ ބާވަތުގެ ޓެކުހުގެ ތެރެއިން މިހާތަނަށް ދައުލަތަށް ނުލިބިހުރި ފައިސާއާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

އެ ސުވާލަށް އަމީރު ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އަމީރު ދެއްވި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް 632.1 މިލިއަން ރުފިޔާ ނުލިބި އެބަ އޮތެވެ. އެއާއެކު ޖޫރިމަނާގެ ގޮތުގައި ޖީއެސްޓީގެ ގޮތުގައި 872.4 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ. އޭގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 85.5 މިލިއަން ރުފިޔާާ ލިބެންޖެހޭ އިރު ޖޫރިމަނާއާއެކު އެ އަދަދު 128.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

ރިސޯޓުތަކާއި ބައެއް މަހުޖަނުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާއިރު ސަރުކާރުންވަނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކުހާއި ގްރީންޓެކްސްވެސް ބޮޑުކުރަން މަޖިލީހަށް ބިލެއް ހުށައަޅާފަ އެވެ. ސަރުކާރުން ބުނަނީ ޓެކްސް ބޮޑުކުރަނީ ރައްޔިތުންގެ އުފާފާގަތިކަމަށްޓަކައި ކަމަށެވެ.

އެއާއެކު ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބޭ އަދަދު ޖުމްލަ 1.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސްގެ މައުލޫމާތު ތަކުން ހާމަވެ އެވެ.