މިދިއަ ބުރާސްފަތި ދުވަހު ރާއްޖޭން ފުރުވައިލި، ބަންގްލަދޭޝް ރައްޔިތުންގެ ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާގެ ސެޓްފިކެޓް ނެތިގެން، ގައުމީ އެއާލައިން މޯލްޑިވިއަން 2,38,000 ޓާކާއިން ޖޫރިމަނާކޮށްފި އެވެ.

ހަޒުރަތު ޝާހުޖަލާލް އިންޓަނޭޝަނަލް އެއާޕޯޓް (އެޗްއެސްއައިއޭ)ގެ އެގްޒެކެޓިވް މެޖިސްޓްރޭޓް އަހުމަދު ޒާމިލްއާ ހަވާލާދީ އެ ގައުމުގެ ދަ ޑެއިލީ ސްޓާގައި ބުނެފައި ވަނީ މޯލްޑިވިއަނުން މިދިއަ ބުރާސްފަތި ދުވަހު ބަންގްލަދޭޝަށް ގެންދިއަ 200 މީހުންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ކޮވިޑްގެ ނެގެޓިވް ނަތީޖާނެތް ކަމަށެވެ. އެކަމާ ގުޅިގެން، 2،800 އެއްހާ ޑޮލަރުން މޯލްޑިވިއަން ޖޫރިމަނާކުރީ ކަމަށް ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަނުން ވަނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝަށް އެތެރެވާ ހުރިހާ މީހުންގެ އަތުގައި، 72 ގަޑިއިރުނުވާ ކޮވިޑް-19 އިގެ ނެގެޓިވް ޓެސްޓެއް އޮންނަންޖެހޭ ގޮތަށް ލާޒިމުކޮށްފައި އެވެ. އަދި އެ ފިޔަވަޅު އަޅާފައިވަނީ، ބަންގްލަދޭޝްގައި ކޮވިޑް-19 އިގެ ދެވަނަ ރާޅެއްގެ ނުރައްކާ ކުޑަކުރުމަށް ކަމަށް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައި އެވެ.

މޯލްޑިވިއަން އިން މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްއަށް ފުރަން ގޮސްތިބި މީހުންތަކެއް. ފޮޓޯ: މޯލްޑިވިއަން

އެ ނޫހުގައި ބުނެފައި ވަނީ އެ އުސޫލުގެ ދަށުން، ކޮވިޑް ސެޓްފިކެޓެއްނެތި، އެއްވެސް ފަސަންޖަރަކަށް ބޯޑިންޕާސް ދޫނުކުރުމަށް، އެޗްއެސްއައިއޭ އަށް އޮޕަރޭޓުކުރާ ހުރިހާ އެއާލައިންތަކަށް އަންގާފައިވާ ކަމަށެވެ.

ޒާމިލް ވިދާޅުވީ، ބުރާސްފަތި ދުވަހު މޯލްޑިއަނުން އައި 200 މީހުންގެ ތެރޭގައި، އެގައުމުގެ މޭންޕަވާ، އެމްޕްލޯއިއާ އެންޑް ޓްރޭނިން ބިޔުރޯގެ ސެޓްފިކެޓް އޮތީ އެންމެ 82 މީހުންގެ އަތުގައި ކަމަށެވެ.

"އެހެންވީމާ، އެމީހުންގެ އަމިއްލަ ގޭގައި 14 ދުވަސް ކަރަންޓީނުވުމުގެ ފުރުސަތު އެމީހުނަށް ދެވުނީ. ބާކީ ތިބި 118 މީހުން ފޮނުވާލެވިފައިވަނީ ސަރުކާރުގެ ކަރަންޓީނު ފެސިލިޓީތަކަށް،" އޭނާ ވިދާޅުވެފައި އެވެ.

ކޮވިޑް-19 އިގެ ނަތީޖާ ސެޓްފިކެޓް ނެތި ފަސަންޖަރުން އުފުލާ މައްސަލާގައި، ބަންގްލަދޭޝުން މީގެ ކުރިން ވެސް ނުވަ އެއާލައިނަކަށް ވަނީ އަނގަބަހުން އިންޒާރުދީފައި އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މޯލްޑިއަން މެދުވެރިކޮށް، މިހާތަނަށް 6،000 އެއްހާ ބަންގްލަދޭޝް މީހުން މިހާތަނަށް ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.