ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޯންގް މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޗައިނާ އަށް މިމަހު ދައްކަން އޮތީ އެންމެ 1.7 މިލިއަން ޑޮލަރު ކަމަށެވެ. އެއީ ހުޅުމާލެ- ހުޅުލެ ލިންކް ރޯޑުގެ ޕޭމަންޓެކެވެ. އެ ޕޭމަންޓް ދައްކަން ޖެހެނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޗައިނާގެ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ އެ ލޯނާ ބެހޭ ގޮތުން މިއަދު ހޯމް ވޯކެއް ހައްދަވާފައިވާ ކަމަށެވެ. އެ ހޯމް ވޯކުން ދައްކާ ގޮތުގައި މިމަހު ދައްކަން ޖެހެނީ އެންމެ ލޯނެކެވެ. ލިންކް ރޯޑު ހަދަން ނެގި ލޯނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ދައުލަތުގެ ހަޒާނާއިން 14 ދުވަހުގެ މުއްދަތެއްގައި ޗައިނާގެ ބޭންކަށް 15 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އެއްވެސް ލުއިތަކެއް މިހާތަނަށް ދީފައި ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ ޓުވީޓާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވެސް ވަނީ ޗައިނާ ލޯނުތަކުގެ ތަފުސީލް ކަމަށް ބުނާ އެކްސެލް ޝީޓެއް އާއްމުކުރައްވައިފަ އެވެ. އެ ލިސްޓްގައި އޮތީ މި މަހު ޗައިނާގެ ތިން ބޭންކަކަށް 7.2 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

ބޮންޑޭގެ ލިސްޓާ ބެހޭ ގޮތުން ސަފީރު ވިދާޅުވީ ސްޓެލްކޯ ފިފްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްޕޯޓް އިމްޕޯޓް ބޭންކު (ޗައިނާ އެގްޒިމް) އިން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ހަދާ 1530 ހައުސިން ޔުނިޓަށް ދައްކަން ޖެހޭ 2.37 މިލިއަން ޑޮލަރަކީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއި، ސޭލާން ބޭންކުން ނަގާފައިވާ ލޯނެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ އެ މައުލޫމާތު ދޮގު ކުރައްވާ ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ ޗައިނާ ބޭންކުތަކުން ދޭ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ 15 މިލިއަންގެ ޑޮލަރުގެ ފައިސާގެ މުއާމަލާތެއް ނެތް ކަމަށެވެ. އެހެންކަމުން އެކައުންޓްގެ ތަފްސީލް ބެއްލެވުމަށާއި، އަދި ބަޖެޓަށް، އެ ފައިސާ ރައްކާ ކުރެެއްވުމަށް ޗައިނާ ސަފީރު ގޮވާލެއްވި އެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަތަކާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ އަގު ވަޒަންކުރާ ކަމަށެވެ. އަދި ގަޑިޖެހެން ދެން މަޑުނުކުރައްވައި ދަރަނީގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

"ރާއްޖެއިން ބޭނުންވޭ އިތުރު ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ލޯނު ދައްކަން ފަށަން. އެހެން ނޫނީ އަޅުގަނޑުމެންނަށް މި ލޯނުތައް ނުދެއްކޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ސަފީރު ދެއްވި ޖަވާބުގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް ނަޝީދު ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ލޯނުތަކާ ބެހޭ މަޝްވަރާތައް މިހާރު ވެސް ފަށައިގެން ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ ސަފީރު ވިދާޅުވީ އެ މަޝްވަރާތަކުން ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް ރަނގަޅު ގޮތަކަށް ކަންކަން ހަމަޖެހޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށެވެ.