މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް 298 ޖެޓު ޖައްސައިފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވިއަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި 298 ޖެޓު ޖައްސާފައިވާއިރު، މިއީ 596 ފުލައިޓު މޫވްމަންޓެވެ. މި އަދަދު މިދިޔަ އަހަރު އެ މުއްދަތުގައި ހުރީ 595 ގަ އެވެ.

2019ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި އެއާޕޯޓު އާއްމުކޮށް ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވިއަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މާފަރު އެ އެއާޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާ ޓޫރިސްޓުންނެވެ. އެ ގައުމުން 410 ޓޫރިސްޓުން މާފަރު އެ އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް ވަނީ އެތެރެވެފަ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އެތެރެވެފައި ވަނީ ޔޫއޭއީ އިންނެވެ. އެ ގައުމުން ރާއްޖެއަށް 256 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިންޑިއާއިން 171 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މޯލްޑިވިއަނުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް 70 ޕްރައިވެޓް ޖެޓް އެ އެއާޕޯޓަށް ޖެއްސުމަށް ބުކިން ހަދާފައިވެ އެވެ.

މާފަރު އިންޓަރނޭޝަލް އެއާޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ. އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ނ. އަތޮޅުގައި މަތީ ފެންވަރުގެ ހަތް ރިސޯޓެއް ހިންގަ އެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް 13 ރަށެއް ދޫކޮށްފައިވެ އެވެ.