މިއަހަރުގެ ދެ ވަނަ ކުއާޓަަރުގައި މަސް ކުންފުނިތަކުން މަސް ގަތް މިންވަރު 10 ޕަސެންޓް އިތުރު، އެކްސްޕޯޓް ކުރި މިންވަރު ހަތް ޕަސެންޓް ދަށްވެެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި މަސްވެރިންގެ އަތުން 17،878 މެޓްރިކް ޓަނުގެ މަސް ގަނެފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 ޕަސެންޓް އިތުުރު އަދަދެކެވެ.

މަސް ގަނެފައިވާ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލި ގަނެފައިވާ މިންވަރު އިތުރުވުމުން ކަމަށެވެ. މިއީ އެ ކުއާޓަރުގެ ތެރޭގައި މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ދޫކޮށްލުމުން ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރީނދޫ އުރަހަ ކަންނެލީގެ އަގުތައް ހުރީ ކިލޯއެއް 90.8 ރުފިޔާ އަށެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަންނެލި ކިލޯއެއްގެ އަގު ހުރީ 89.6 ރުފިޔާގަ އެވެ.

މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު އިތުރުވި ނަމަވެސް، މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ދަށްވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން 19،811 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ ހަތް ޕަސެންޓް ދަށްވެފަ އެވެ.

މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ ގަނޑުކުރި ކަޅުބިލަމަހާއި، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި އަދި ދަޅުގައާއި ޕައުޗުގައި ބަންދުކުރާ މަހުގެ އަދަދު ދަށްވުމެވެ.