ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން 107.4 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ގެ މަޝްރޫޢެއް ހިންގުމަށް ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

އެ ބޭންކުން ބުނީ އެ މަޝްރޫޢަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ

އެ ބޭންކުން ބުނީ ވޯލްޑް އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއު ބިނާވެފައި ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމުގެ ބޭނުމުގައި ވާލްޑް ބޭންކުން މިހާރު ވެސް ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުއަބަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. އަދި މި ދެ މަޝްރޫއު ވެސް ފަރުމާކުރެވިފައި ވަނީ، ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެހީއަކަށް ވާނެ ގޮތަށްކަމަށް ވޯލްޑް ބެންކުން ބުންޏެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރާނެ އަމިއްލަ ވިޔަފާރިވެރިން ގެނައުމަށް އެސްޕަޔާ އިން މަސައްކަތްކުރާ ކަމަށެވެ. އަދި އެރައިޒް މަޝްރޫއުގެ ދަށުން އެކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންވެސްޓަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ހަކަތަ އުފައްދަން ބޭނުންކުރާ އެންމެ ޒަމާނީ އީޖާދުތަކާއި އުފައްދާ ހަކަތަ ރައްކާކުރާނެ ވަސީލަތްތަކާއި އަދި ކަރަންޓް ފޯރުކޮށްދޭ ވިއުގައިގެ ފެންވަރު މަތިކުރެވިގެންދާނެކަމަށް ފާރިސް ވިދާޅުވި އެވެ.

"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަވަހަށް އަރައިގަތުމަށާއި އިޤްތިޞާދު އާރާސްތުކޮށް، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ މިންވަރު ވަރުގަދަކުރުމަށްޓަކައި ވާލްޑް ބޭންކުން މިދަނީ އެހީގެ ޕްރޮގްރާމަށް ބަދަލުތައް ގެންނަމުން. އެރައިޒް އަދި އެސްޕަޔާ މަޝްރޫއު ވެސް ވަނީ ކޮވިޑް-19 ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ވާލްޑް ބޭންކުން ގެންގުޅޭ ވިސްނުމާ ގުޅިފައި،" އޭނާ ވިދާޅުވި އެވެ.

އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ އަވިން ހަކަތަ އުފައްދާ ނިޒާމުތައް މެދުވެރިކޮށް ޖުމްލަ 42.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ. މިއީ، އިއާދަކުރަނިވި ވަސީލަތްތައް މެދުވެރިކޮށް 2020 ގެ ނިޔަލަށް 51 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކަނޑައަޅާފައި ލަނޑުދަނޑި އަށް ވާޞިލްވުމަށް ދެވޭ ވަރަށް ބޮޑު ބާރެއްކަމަށް ވޯލްޑް އެ ބޭންކުން ގަބޫލުކުރެ އެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި އެ މަޝްރުއުތަކުގެ ދަށުން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ. އޭގެ ތެރޭގައި، ހަކަތައިގެ ދާއިރާގައި އަންހެނުންނަށް މިހާރަށް ވުރެ ގިނަ އަދި ރަނގަޅު ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި އަންހެން ދަރިވަރުންނަށް ޚާއްޞަކޮށް ވޯކްޝޮޕްތައް ހިންގުން އަދި އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެރައިޒް މަޝްރޫއު ހިންގުމަށް ހަމަޖެހިފައި ވަނީ، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެންވާރަމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 107.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ލޯނު ދޭ ވާލްޑް ބޭންކުގެ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެ އެވެ. ވާލްޑް ބޭންކް ގްރޫޕުގެ ބޭރުން މި މަޝްރޫއަށް، ކްލީން ޓެކްނޮލޮޖީ ފަންޑުން 30 މިލިއަން ޑޮލަރު، އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރު އަދި އާންމު ވިޔަފާރީގެ އުޞޫލުން ދޭ 45 މިލިއަން ޑޮލަރު ލިބޭނެ އެވެ.