ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކުރަން ދެ އެއާލައިނަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސް އޮފިޝަލަކު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އޭ 380 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކުރަން ރަސްމީކޮށް ހުށަހަޅާފައި ނެތް ކަމަށެވެ.

މިމަހުގެ ހަވަނަ ދުވަހު ބޭނުންކުރަން ފެށި ވީއައިއޭގެ އާ ރަންވޭއަކީ އެއާބަސް އޭ 380 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކުރެވޭ ގޮތަށް ހެދި ތަނެކެވެ. ނަމަވެސް އެތަނަށް މިހާތަނަށް ޖެއްސީ ސެޕްޓެމްބަރު 18، 2018 ވަނަ ދުވަހު ޓެސްޓް ފްލައިޓެއްގެ ގޮތުގައި އަބޫދާބީގެ އިއްތިހާދު އެއާވޭސްގެ އޭ380 މަރުކާގެ ބޯޓެކެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެއަށް އޭ 380 އޮޕަރޭޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ދުނިޔޭގެ އެންމެ ފެންވަރު އެއް އެއާލައިން ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް އާއި ޔޫއޭއީގެ އެމިރޭޓްސް އެއާލައިނުންނެވެ. މި ދެ އެއާލައިނަކީ މިހާރު ވެސް ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު ހަތަރު ދަތުރުކުރާ ދެ އެއާލައިނެވެ.

"އަޅުގަނޑުމެން ބެލިން އާ ރަންވޭ ބޭނުންކުރަން ފެށި ދުވަހު ވެސް ގެނެވޭތޯ. އެކަމަަކު ބައެއް ކަންކަން ހަމަނުޖެހިގެން ނުގެނެވުނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ، ގާތްގަނޑަކަށް 500 އެއްހާ ފަސިންޖަރުން އުފުލޭ އެއާބަސް އޭ 380 އޮޕަރޭޓްކުރުމުގެ ކެޕޭސިޓީ އެމްއޭސީއެލްގައި އެބަހުރި ކަމަށެވެ. އަދި އެކަމަށް މަދުވަނީ ވަރަށް މަދު އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރުމުގެ ކެޕޭސިޓީ އެމްއޭސީއެލްގައި އެބަހުރި، އެކަމަށް ބޭނުންކުރަން ޖެހޭ ވަރަށް ކުޑަ އެއްޗެއް މަދުވަނީ. މިހާރު ހުރި އިންފްރާސްޓަރަކްޗާއިން ވެސް މެނޭޖްކުރެވޭނެ،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަސިންޖަރުން އުފުލާ ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ބޭނުންކޮށްގެން ޝެޑިއުލް ދަތުރުތައް ފަށަން އެދެފި ނަމަ އެ ހުއްދަ އެ ކުންފުނިން ދޭނެ ކަމަށެވެ. އަދި އެ ކުންފުނިން ވެސް ބޭނުން ވަނީ އެއާބަސް އޭ 380 އެއާލައިންތަކުން އޮޕަރޭޓްކުރަން ފަށަން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.