މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާއެކު ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވެއްޖެ އެވެ.

އެ ބޭންކުން ބުނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހެދި މި ޕާޓްނާޝިޕްގެ ދަށުން ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށް އެހީވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަން އަށް އެހީތެރިވުމަށް އެއްބަސްވުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.

"ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ފާހަގަކޮށްލެވޭ ކަމެއް. އަދި މި ޕާރޓްނާޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިންގެ އަދި ޓެނިސް އާއެކު ޕާޓްނަޝިޕް ގާއިމްކޮށްފަ އެވެ.

އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ.