ޓެކްސްުބިލު ސަރުކާރުން ހުށައެޅި ގޮތަށް ފާސްކުރަން އެމްޑީޕީން ތްރީލައިން ވިޕް ނެރުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަމަށް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ޚަރަދު ދެކޮޅުޖެއްސުމަށް ޓެކްސް ބޮޑުކުރުމާމެދު ޚިޔާލުތަފާތުވުމުން ކޮމެޓީއިން ފިނޭންސް މިނިސްޓަރާ، ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރާ މަޝްވަރާނުކޮށް އޮއްވާ ބިލް އޮތްގޮތަށް ފާސް ކުރުމަށް ތްރީ ލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވަރެއްކަމަށެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ރަނގަޅަށް ދިރާސާ ކުރުމަށް، މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދެއްކެވި ގިނަ މެންބަރުންވެސް މިއަދު ވަނީ ތާއީދުކުރައްވާފަ އެވެ. އެ އިސްލާހާ ދެކޮޅަށާއި އެއްކޮޅަށް ވާހަކަ ދެއްކެވި މެމްބަރުން ތިއްބެވި ނަމަވެސް، ގިނަ މެންބަރުން ހިޔާލުފާޅު ކުރެއްވީ، އަވަސް އަރުވާލައިގެން ބިލު ފާސް ކުރުމުގެ ބަދަލުގައި، ފުރަތަމަ ގިނަ ބަޔެއްގެ ހިޔާލު ހޯދުމަށެވެ.

"ޓެކްސް ބޮޑުކޮށްގެން 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ މި ކުރަނީ. އެހެންވީމަ، އެބަ އޮތް ދައުލަތަށް އެ އަދަދު ހޯދުމަށް ހަރަދު ކުޑަކުރެވޭނެ ބައިވަރު ގޮތްތަކެއް،" މި ބިލަށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ފުރިހަމަ ކުރަން ޖެހޭ އެތައް ކަމެއް ފުރިހަމަ ނުކޮށެވެ. އެކަންކަން ސާފުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެ ނޫން ވެސް، ގުޅުން ހުރި އެކި ފާރާތްތައް ކޮމިޓީއަށް ގެންގޮސްގެން މައުލޫމާތު ސާފު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.