ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

އެ ބޭންކުން ބުނީ އެ ރަށުގެ ގިނަ ރައްޔިތުން މިހާރު ވެސް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދު ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، އުނދޯލި ގެއެއް ހަދައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ވެސް ތައްޔާރުކޮށްދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ވަނީ ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ވަޅެއް ބަހައްޓާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބޭންކުން ބުނީ އެ ސަރަހައްދު އިތުރަށް ފެހިކުރުމަށް 30 ރުކާއި އިތުރު ގަސް ވެސް އިންދާފައިވާ ކަމަށެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިން ވެސް ބަހައްޓާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކަނޑޫދޫ ޕިކްނިކް ސަރަހައްދު ބީއެމްއެލްގެ އެހީގައި ފުރިހަމަކޮށްދީފައި. ފޮޓޯ: ބީއެމްއެލް

މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ބުނީ އެ ރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. އަދި މުސްތަގުބަލުގައި މިތަން އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންނަށް ވެސް މިސަރަހައްދު ބޭނުން ކުރެވޭނެހެން ބޭއްވުމަކީ ތަސައްވަރެއް ކަމަށް ވެސް އެ ކުލަބުން ބުނެފައިވެ އެވެ.

"މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އަޅުގަނޑުމެންގެ ކްލަބްގެ މެންބަރުންކޮށްދެވި ބުރަމަސައްކަތަށާއި ކައުންސިލް އިން ވެދެއްވި އެހީތެރިކަމަށް ޝުކުރުދަންނަވަން،" އެ ކުލަބުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދެވިފަ އެވެ.