އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ހަތަރު އިމާރާތެއްގެ މަސައްކަތް ނިންމައި، ފްލެޓް ގަތް މީހުންނާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް އެ ކުންފުނިތަކުން މިއަދު މީޑިއާ އަށް ދީފި އެވެ.

ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެންސިސްގެ "އައިރާ" އިމާރާތާއި ޖާހު (ޖައުސާ) ގެ "ދަ ގާޑަން" އާއި އަދި ކޮރެއާ ބަޔަކާ ގުޅިގެން ހަދަން ފެށި "ކޭ-ޕާކް" ރެޒިޑެންސާއި ސްރީލަންކާ ބަޔަކު ގުޅިގެން ހަދާ "އަކުވާ ވިޓާ" އިން ހަދަމުން އަންނަ އެޕާޓްމަންޓްތަކަކީ 2015-2016 އަހަރާ ދެމެދު ހަދަން ހަވާލުކުރި ތަންތަނެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ހުއްޓިފައި ހުންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އަދި އެތަންތަން ނުނިމޭތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އިއްޔެ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހުލުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ލަސްވަމުންދާ، 4 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމައި ދޫކުރަން ފަށާނެ ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫޢުތައް ނިންމާ ހަވާލުކުރަން ފެށުމަށް މިހާރު ދީފައިވާ އެންމެފަހު މުހުލަތަކީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ މަޝްރޫއުތަކުގައި ވެސް މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްގެން ދަނީ އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތަކެވެ.

ހަތަރު ތަނުގެ މަސައްކަތް ގޮސްފައިވާ ހިސާބު:

  • އަކުއަ ވިޓާ ރެޒިޑެންސަކީ 9 ނޮވެމްބަރު 2015 ގައި އެންޕީއެޗް ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އެޕާޓްމަންޓުތަކެއް. 129 އެޕާޓްމަންޓްގެ އަކުއަ ވިޓާ ރެސިޑެންސްގެ 95 ޕަސެންޓް މަސައްކަތް ނިމިފައި. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެޗްޑީސީން ހަތަރު ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދިން.
  • 15 ޖެނުއަރީ 2017ގައި ހަވާލުކުރި ޖައުސާގެ ދަ ގާޑެންސް ރެސިޑެންސްގެ ނިމިފައި ވަނީ 90 ޕަސެންޓް މަސައްކަތް. 73 އެޕަރޓްމަންޓްގެ މި މަޝްރޫއުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތު 4 ފަހަރެއްގެ މަތިން އިތުރުކޮށްދިން.
  • މަޝްހޫރު މަސް ކުންފުނިން އެންސިސް ފިޝަރީޒްއާ 1 އޮގަސްޓް 2016ގައި ހަދަން ހަވާލުކުރި އައިރާ ކޮންޑޮމިނިއަމްގެ ނިމިފައި ވަނީ 92 ޕަސެންޓް މަސައްކަތް. 94 ހައުސިން ޔުނިޓްގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް 5 ފަހަރު އެޗްޑީސީން މުއްދަތު އިތުރުކޮށްދިން.
  • ހަތަރު ތަނުގެ ތެރެއިން އެންމެ ފަހަތުގައި އޮތީ ހަންބޯ ކޮމްޕެނީއާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ މަސައްކަތް. 9 އޮކްޓޯބަރު 2016 ގައި ހަދަން ހަވާލުވި ކޭ ޕާކް ރެސިޑެންސް މަޝްރޫއުގައި ހިމެނެނީ 110 އެޕާޓްމެންޓް މި މަޝްރޫއުގެ ނިމިފައި ވަނީ އެންމެ 77 ޕަސެންޓް މަސައްކަތް. މި މަސައްކަތް ނިންމުމަށް 5 ފަހަރުމަތިން މުއްދަތު އިތުރުކޮށްދިން.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އާތިފް ވިދާޅުވީ، މި މަޝްރޫއުތައް މިހައި ދިގުލައިގެން ދިޔުމުގެ އެންމެބޮޑު ސަބަބަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ދިމާވި ދަތިތައް ކަމަށެވެ. އެގޮތުން މުވައްޒަފުން މަދުވުމުގެ މައްސަލަތަކާއި މުވައްޒަފުން ގެނައުމުގެ ދަތިތަކާއި މުދާ ގެނައުމާއި ޚަރަދުކުރުމުގެ ދަތިތައް ވެސް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޯވިޑާ ގުޅިގެން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި. އޭގެ ލިޔެކިޔުންތަކުން އެކަން އެނގޭ. މިހާރު މުއްދަތު ދީފައިވަނީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގައި މަސައްކަތްތައް ނިންމައި އެޕަރޓްމަންޓްތައް ހަވާލުކުރުމަށް." އާތިފް ވިދާޅުވި އެވެ.

ކޭ-ޕާކް އެޕާޓްމަންޓްތަކުގެ މަސައްކަތް އެހާ ބޮޑަށް ލަސްވާތީ، އެޕާޓްމަންޓްތައް ގަނެފައިވާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެހެންވެ، އެ މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ކުރާނެ ކަމަށް ޖައިޝާން ވިދާޅުވި އެވެ.

"މެނޭޖްމަންޓުން ނިންމާފައި އޮތީ [ބަދަލު ދޭން]. އަޅުގަނޑުމެން ކަސްޓަމަރުންނަށް ކޮންޓެކްޓް ކުރާނަން. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، ޕޭކުރި ކަސްޓަމަރުންނަށް ކޮމްޕަލްސަރީ ދިނުމުގެ މަސައްކަތް ކުރިއަށް ދާނެ،" ކޭ ޕާކްގެ ކޯޕަރޭޓް ލީގަލް، ޖައިޝާން ސައީދު ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ މަސައްކަތްތައް ހުއްޓުވުމަކީ އެޗްޑީސީގެ ވިސްނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެޗްޑީސީން މަސައްކަތް ކުރަނީ ކުންފުނިތަކުން އެ މަސައްކަތްތައް އަވަސްކޮށް އާންމުންނާ ހަވާލުކުުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.