ކާބޯތަކެތީގެ އަގު އުފުލެމުންދިޔަ ނަމަވެސް ރާއްޖޭ ޖުމްލަ އިންފްލޭޝަން ރޭޓް ހުރީ ކަންބޮޑުވާން ޖެހޭ ހިސާބެއްގައި ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި މިއަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ބަޔާނުގައިވާ ގޮތުން ރާއްޖޭގެ ޖުމްލަ އިންފްލޭޝަން ހުރީ ހިފެހެއްޓިފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ 2021 ވަނަ އަހަރުގެ ފަހުކޮޅު މުވާސަލާތީ ހިދުމަތުގެ އަގުތައް ހެޔޮކޮށްފައި ވާތީ އަންނަ "ބޭސްއިފެކްޓް"ގެ ސަބަބުންނާއި އަދި މާލޭ ސަރަހައްދުގެ ހައުސިން ސްޓޮކް އިތުރުވެފައި ވާތީ ކުލީގެ އަގު އިތުރުވާ މިންވަރު ހިފެހެއްޓިފައިވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުރިން އަންދާޒާކުރި މިންވަރަށް ވުރެ މި އަހަރު ނިމޭއިރު އިންފްލޭޝަން ރޭޓް އުފުލޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) އިން ލަފާކުރެ އެވެ.

އެމްއެމްއޭގެ މާލީ ލަފާކުރުންތަކާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީގައި ބަޔާނުގައިވާ ގޮތުން މިއަހަރު ނިމޭއިރު އަހަރުގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ތިން ޕަސެންޓްގަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ކާބޯތަކެތީގެ އަގުތައް ވަނީ 3.7 ޕަސެންޓަށް މަތިވެފަ އެވެ. މިއީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކުޑަ މިންވަރެއް ނަމަވެސް އެއް މަހުން އަނެއް މަހަށް ކާބޯތަކެތީގެ އަގުތައް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.