މޯލްޑިވިއަނުން ދިގު ދަތުރުތަކުގައި ބޭނުންކުރެވޭނެ މަތިންދާބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގައުމީ އެއާލައިނުން އާ ބޯޓެއް ހޯދަނީ އެ އެއާލައިންގެ ފްލީޓްގައި އޮތް އެންމެ ބޮޑު ބޯޓު ދޫކޮށްލުމަށްފަހު އެވެ. 20 ޖަނަވަރީ 2015 ގައި ގެނައި މި ބޯޓު ދޫކޮށްލަނީ ކުއްޔަށް ނަގާފައިވާ މުއްދަތު ހަމަވާތީ އާއި އެ ބޯޓު ވަރަށް ގިނަދުވަސްވެފައިވާ ބޯޓަކަށްވުމާއެކު އޭގެ މެއިންޓަނަންސް ފީއަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުން ބޯޓެއް ހޯދަން ކުރި އިއުލާންގައިވާ ގޮތުން އިކޮނޮމީ އަދި ބިޒްނަސް ކްލާސްގެ ސީޓުތައް ހުންނަން ޖެހެ އެވެ. އެގޮތުން ބިޒްނަސް ކްލާސްގެ 12 ގޮނޑި ހުންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެެ. އަދި ކުއްޔަށް ބޯޓު ނަގާނީ 8 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 23 ބޯޓެއް އޮވެ އެވެ.

މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް މިހާރު ކުރަނީ އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.

އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، އުއްމީދަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އައު ބޯޓު ރާއްޖެއަށް ގެނައުން ކަމަށެވެ. އަދި މި ބޯޓާއި އެކު މޯލްޑިވިއަންގެ ދަތުރުތައް އިތުރު މަންޒިލްތަކަށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިޒްނަސް ޕްލޭންގައި އޮންނާނެ، ޔޫރަޕްގެ އެކި ޤައުމުތަކަށް ދަތުރުކުރުން ވެސް. މި ހޯދަނީ ލޯންގް ރޭންޖު އެއާ ކްރާފްޓެއް، އޭރުން އެއްވެސް ދައްޗަކާއި ނުލާ ޕްލޭންގައި ހުރި މަންޒިލްތަކަށް ދަތުރުކުރެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.