އެކްސްޗޭންޖް ރޭޓް ކަނޑައެޅިފައިވާ ބޭންޑުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ބޭންކިން ނިޒާމުގެ ތެރޭގައި ހުންނަ ދައުރުވަމުންދާ ދިވެހި ރުފިޔާ ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީ (އޯޑީއެފް) މެދުވެރިކޮށް މެނޭޖްކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުވި ޖަވާބެއްގައި އެމްއެމްއޭ އިން ބުނީ އިންފްލޭޝަނަރީ ޕްރެޝަރު ކުރިމަތިވާ ހިނދެއްގައި އެމްއެމްއޭގެ އޯޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވަމުންދާ އިތުރު ފައިސާ މޮޕް-އަޕްކުރުމަށް އެ ބޭންކުން ތައްޔާރަށް އޮތް ކަމަށެވެ.

ފޮރިން އެކްސްޗޭންޖު އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ވިޔަފާރި ބޭންކުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ބޭރު ފައިސާ އެމްއެމްއޭއިން ފޯރުކޮށްދިނުމުގެ ސަބަބުން އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު ކޮންމެ ވެސް ވަރަކަށް ކުޑަވާކަމަށް އެ ބޭންކުން ބުންޏެވެ.

"އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމުގެ ގޮތުން އެކި ފަހަރު މަތިން ޕީބީއޭ އޯވާ ޑްރޯކޮށް ފައިސާ ވާޕު ކުރަމުން ދިއުމަކީ ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ އެކްސެސް ލިކުއިޑިޓީ އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އިތުރު ޕްރެޝަރު ބޮޑުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރަމެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ސަރުކާރުގެ ބަޖެޓު ފައިނޭންސް ކުރުމުގެ ގޮތުން އެކި ފަހަރުމަތިން ޕީބީއޭ އޯވާޑްރޯކޮށް ފައިސާ ޗާޕު ކުރަމުން ދިއުމަކީ އެކްސްޗޭންޖް ރޭޓަށް އިތުރަށް ޕްރެޝަރު ބޮޑުވެ، ޑޮލަރުގެ އަގު އުފުލޭ ކަމެއް ކަމަށެވެ.

ބޮންޑޭ ކުރި ސުވާލަކީ 10.28 - 15.42 ރުފިޔާގެ ރޭޓުގައި ޑޮލަރު ނުލިބޭކަމަށް ވާއިރު، އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމަށް މަސައްކަތް އެ އޮތޯރިޓީއަށް އެންމެ ރަނގަޅަށް ފުރިހަމަ ނުކުރެވެނީ ކީއްވެތޯ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރު ޕީބީއޭ އޯވާ ޑްރޯކޮށް ފައިސާ ޗާޕުކުރުމުގެ ހުއްދައަށް އެދި ސަރުކާރުން މަޖިލީހަށް ހުށަހެޅުމުންނާއި އަދި އެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅުމާ ގުޅިގެން އެ އޮތޯރިޓީން ދިން ލަފާތަކުގައި ވެސް އޭގެ ސަބަބުން އެކްސްޗޭންޖް ރޭޓަށް ޕްރެޝަރު ބޮޑުވާނެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.