ހުޅުމާލޭގައި ކަރަންޓުން އެއްގަމު އުޅަނދު ޗާޖު ކުރެވޭ ސްޓޭޝަންތަކެއް ހެދުމަށް ނިންމައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

މިއީ ރާއްޖޭގައި އަދި އަލަށް ތައާރަފްކުރާ ކޮންސެޕްޓަކަށްވާތީ ފުރަތަމަ ހެދުމަށް ނިންމާފައި ވަނީ ހަތަރު ޗާޖިން ސްޓޭޝަނެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މަސައްކަތަށް ހޮވޭ ފަރާތުން ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތް ވެސް ކުރާ ގޮތަށެވެ. އަދި އެ ސްޓޭޝަންތަކުން ހުރިހާ ވައްތަރެއްގެ އުޅަނދުތައް ވެސް ޗާޖު ކުރެވެންޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮޖެކްޓުގެ ދެބައިކުޅަ އެއްބައި އެޗްޑީސީން ފަންޑުކުރާ އިރު، އަނެއްބައި ފަންޑުކުރަން ޖެހެނީ ސަޕްލަޔަރެވެ.

ހުޅުމާލޭގައި އިލެކްޓްރިކް ޗާޖިންގް ސްޓޭޝަނެއް ގާއިމްކުރުމަށް އިއުލާންކޮށްފައިވާއިރު، މާލޭގައި ވެސް މިފަދަތަނެއް ގާއިމްކުރުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.