ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކ. ތިލަފުށީގެ ޖަނެރޭޓިން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އާ ޖަނަރޭޓިން ސެޓެއް ބަހައްޓައިފި އެވެ.

ތިލަފުށީގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން ބުނީ ތިލަފުށީގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ދިނުމަށްޓަކައި 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ދޭން ފަށާފައިވާކަމަށެވެ. މީގެ ކުރިން އެރަށުގައި ފަސް ޖަނަރޭޓަރު ބަހައްޓައިގެން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ. މިގޮތުން 400 ކިލޯވޮޓުގެ 2 ޖަނަރޭޓަރާއި 1000 ކިލޯވޮޓުގެ ޖަނަރޭޓަރެއްގެ އިތުރަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ވަނީ ކަރަންޓުގެ ޚިދުމަތް ފޯރުކޯށްދީފަ އެވެ. އެންމެފަހުން ބެހެއްޓި 800 ކިލޯވޮޓުގެ ޖަނަރޭޓަރާއެކު މިހާރު އެރަށުގައި ކަރަންޓު ކެޕޭސިޓީ ވަނީ 3.4 މެގަވޮޓަށް އިތުރުކޮށްފަ އެވެ.

ތިލަފުއްޓަކީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށަކަށްވުމާއެކު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ސްޓެލްކޯއިން އަންނަނީ ހަމަޖައްސަމުންނެވެ. ތިލަފުށީގައި ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ބޯޓު ބަނުމުގެ މަސައްކަތްތަކާއި ކުނި ނައްތާލުމުގެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމުގެ މައްސައްކަތްތަކުގެ އިތުރަށްވެސް އެހެނިހެން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.