އަންނަ އަހަރުގެ އަމާޒަކީ ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑް -19 އާ ގުޅިގެން މިއަހަރު ރާއްޖެ އަންނާނެ ކަމަށް މިހާރު ލަފާކުރަނީ 525،000 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 60 ޕަސެންޓް ދަށް އަދަދެކެވެ.

ބޯޑު އަލުން ހުޅުވާލުމަށްފަހު، މިއަހަރަށް ކަނޑައެޅި ފޯކާސްޓް ރިވައިސް ކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ މިހާރު ލަފާކުރާ ގޮތުގައި މިމަހުގެ 19ގެ ނިޔަލަށް 500،000 ޓޫރިސްޓުން އަންނާނެ އެވެ. އަދި މިމަސް ނިމެނޭއިރު ޖުމްލަ 525،000 ޓޫރިސްޓުން މިއަހަރު އަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އަންނަ އަހަރުގެ އަމާޒަކީ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނެސް އަދި ދިހަ މިލިއަނަށް ވުރެ ގިނަ ބެޑްނައިޓްސް ފުރާލުން ކަމަށެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިފަހުން ރާއްޖެއަށް ޒިޔާރަތްކުރި 100،000 ވަނަ ޓޫރިސްޓަށް މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް މަހުގެ ފަހުކޮޅު ބަންދުކޮށް، އަލުން ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15ގަ އެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކަ އެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިމަހުގެ 25ގެ ކުރިން މިއަހަރު ރާއްޖެއަށް 500،000 ޓޫރިސްޓުން ގެނައުމެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ޓޫރިސްޓް ހުރިހާ ފެސިލިޓީތަކަކަށް މިހާރު ވަނީ ހުޅުވުމުގެ ހުއްދަ ދީފަ އެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެ އެވެ.