ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާގައި ހިލޭ ސާބަހަށް ފެނަކަ ކޯޕަރޭޝަނުން ހަރުކޮށްދިން ސޯލާ ޕެނަލް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށައިފި އެވެ.

ކޮފީ އާއި ސައިގެ އިތުރުން ކެއިންބުއިމުގެ ބައެއް ބާވަތްތައް ވެސް ލިބެން ހުންނަ އެ ގާޑިޔާގައި ސޯލާ ޕެނަލް ހަރުކޮށް ބޭނުންކުރަން މި ފެށީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކަތައިގެ ދުވަހާ ގުޅުވައިގެންނެވެ.

ބާބާ ގާޑިޔާގައި ހަރުކުރި ސޯލާ ޕެނަލް އިފްތިތާހުކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.

ބާބާ ގާޑިޔާގެ ވެރިޔާ ހަސަން އަތީގު "ހުރިހާ"އާ ވާހަކަދައްކަމުން ބުނީ ފެނަކަ ކޯޕަރޭޝަނުން ހަރުކޮށްދިން ސޯލާ ޕެނަލް އިން 1.5 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭ ކަމަށެވެ. އަދި އެއާއެކު 72 ގަޑިއިރުގެ ބެކަޕް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާގައި ފެނަކަ ކޯޕަރޭޝަނުން ހަރުކޮށްދިން ސޯލާ ޕެނަލް ފުވައްމުލަކުގެ މޭޔަރު މިއަދު އިފްތިތާހުކޮށްދެއްވަނީ. ފޮޓޯ: ބާބާ ގާޑިޔާ

"ގާޑިޔާގައި ކަރަންޓު އުފެއްދޭނެ ގޮތެއް ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް މިހާރު ރަށުގެ ކޮންމެ ތަނަކަށް ގޮސް ގާޑިޔާގެ ހިދުމަތް ދެވޭނެ،" އަތީގު ބުންޏެވެ.

އެ ގާޑިޔާގައި ހަރުކުރި ސޯލާ ޕެނަލާ ބެހޭ ގޮތުން އެރަށު ހާފިޒް އަހްމަދު ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް މިއަދު މެންދުރު ބޭއްވި އެވެ. އަދި ގާޑިޔާގެ ހިދުމަތް މިއަދު އަލުން ފެށީ އެ ހިދުމަތް އިފްތިތާހުކުރުމަށްފަހު އެވެ.

ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާގައި ފެނަކަ ކޯޕަރޭޝަނުން މިދިޔަ ހަފުތާގައި ސޯލާ ޕެނަލް ހަރުކޮށްދެނީ. ފޮޓޯ: ބާބާ ގާޑިޔާ

"މިސެޝަން ނަންގަވައިދެއްވާ ގާޑިޔާގެ ހިދުމަތް ފަށްޓަވައިދެއްވި ކަމަށްޓަކައި ފުވައްމުލައްސިޓީ މޭޔަރު އަށް ޝުކުރުދަންނަވަން. ކުކުޅު، ސޮސެޖް، ކުރަނޑި، ޝަވަރުމާ، ކޮފީ، ޗާއި ލިބޭނެ،" ބާބާ ގާޑިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބާބާ ގާޑިޔާގައި ސޯލާ ޕެނަލް ހަރުކޮށްދެއްވާނެ ކަމަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ކުރީކޮޅު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގާޑިޔާއަށް ޒިޔާރަތްކުރެއްވުމަށްފަހު އެވެ.

ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާއަށް ރައީސް ސޯލިހު މިއަހަރުގެ ކުރީކޮޅު ޒިޔާރަތްކުރައްވައި ގާޑިޔާ ބައްލަވާލައްވަނީ. ފޮޓޯ: ބާބާ ގާޑިޔާ

އަތީގު ވަނީ ގާޑިޔާގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ރައީސް ސޯލިހަށާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ނަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

ފުވައްމުލަކުގެ މަޝްހޫރު ބާބާ ގާޑިޔާއަށް ރައީސް ސޯލިހުއާއެކު މިއަހަރުގެ ކުރީކޮޅު ވަޑައިގެންނެވި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި މެމްބަރު ދޮންބެ ގާޑިޔާ ބައްލަވާލައްވަނީ. ފޮޓޯ: ބާބާ ގާޑިޔާ

ބާބާ ގާޑިޔާ ދުއްވަނީ ވެސް ބެޓެރީ ޗާޖުކޮށްގެންނެވެ. ސޯލާ ޕެނަލް ހަރުކުރުމާއެކު މުޅި ގާޑިޔާއަކީ ތިމާވެއްޓާ ރައްޓެހި އުޅަނދަކަށް ބަދަލުވެގެންދިޔައީ އެވެ.