Advertisement

ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ހާއްސަ މެސެޖެއް

FacebookTwitterWhatsAppTelegramViber

"ނިއު ނޯމަލް" ނުވަތަ އާ އާންމު ހާލަތަށް ދިޔުމަށް އަހަރުމެން މިދަނީ ތައްޔާރުވަމުންނެވެ. ގައުމުތަކުން ފުރަބަންދު އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރައް ނިކުމެ އުޅެން މަދު މަދުން މިދަނީ ހުއްދަ ލިބެމުންނެވެ. މިގޮތަށް ބޭރަށް ނިކުމެ އުޅެވުނަސް މާސްކް އެޅުންވަނީ ކޮންމެހެން ލާޒިމް ކޮށްފަ އެވެ. އަދި ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ވަނީ ގިނަވެފައެވެ.

އެހެންކަމުން، މިފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ވަނީ ޖެހިފަ އެވެ. ސަބަބަކީ މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރުކުރާނެތީ އެވެ.

މި ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމެއް ކަމުގައި ވުމުން، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަން ޔަގީނެވެ. މިއަދު ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިރާގުން ހަނދާންކޮށްދޭން ބޭނުންވި މެސެޖަކީ މިއީ އެވެ. ރައްކާތެރިގޮތުގައި ޕީޕީއީ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމުގެ މުހިންމު ވާހަކަ އެވެ.

މަގުމައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މިފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަކީ ހުރިހާ އެންމެންގެވެސް ފަރުދީ ޒިންމާއެކެވެ. މިކަމުގެ ސަބަބުން ސީދާ ގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރުތަކުގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުންވެސް ނުހަނު ބޮޑެވެ. އެއް ކާރިސާއިން އަރައިނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަ ނުދިޔުމަކީ ހުރިހާ އެންމެންވެސް އެކަމަށް ސަމާލުވާންޖެހޭ ކަމަކެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު، ދިރާގުން ވަނީ ކަނޑުތަކުގެ ހިމާޔަތުގައި އަޑު އުފުލާފައެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފަ އެވެ.

މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފަ އެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފަ އެވެ. ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ އެވެ. މި އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅައި މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޏަކީވެސް ދިރާގެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަޅަމުން ދާ ކުނީގެ މިންވަރު މަދެއް ނޫނެވެ. މިކަމުގެ ސަބަބުން ރީތި ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުންތަކާއި މަސްމަހާމެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރެމުންދެ އެވެ. އަހަރުމެންނަށް ބޭނުންވާ އޮކްސިޖަންގެ ބޮޑު ބައެއް ލިބެނީ ކަނޑުންނެވެ. ކަނޑުތަކުން އަހަރުމެންނަށް ކާނާ ލިބެ އެވެ. އަދި ދުނިޔޭގެ ވަޔާ، ފެނާ، މޫސުން ހިފެހެއްޓުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަނީވެސް ހަމަ ކަނޑުންނެވެ. ކަނޑުތަކުގެ ސަލާމަތަކީ އަހަރުމެންގެވެސް ސަލާލަމަތެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top