މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން އެސްއޯއީތައް ބަލަހައްޓަމުން އަންނަ ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ 31 ކުންފުންޏަކަށް 10.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 54 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެސްޓީއޯ އަށެވެ. އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށެވެ. އެގޮތުން އެ ކުންފުންޏަށް 1.69 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެޗްޑީސީއަށް 417 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

ފިނޭންސް މިނިސްޓްރީ ހުންނަ ޓްރެޝަރީ ބިލްޑިން. ބިޑަށް ނުލައި މަޝްރޫއުތައް ދިނުން ހުއްޓާލަން އޭސީސީން ވަނީ އަންގާފައި.

ޕީސީބީގެ ރިޕޯޓުގައި ވާގޮތުން، ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއަރާފައިވީ ނަމަވެސް، ބައެއް ކުންފުނިތަކުގެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. އޭގެތެރޭގައި، އެމްއެމްޕީއާރްސީ، ޕީއެސްއެމް އަދި ވެމްކޯ ހިމެނެ އެވެ.

ބައެއް ކުންފުނިތަކަށް އެއްވެސް ވަރެއްގެ އާމްދަނީ އެއް ނުލިބޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާއި، ފަހިދިރިއުޅުން ކޯޕަރޭޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނުގެ އިތުރުން ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން ހިމެނެ އެވެ.

ޕީސީބީގެ ރިޕޯޓްގައިވާ ގޮތުން ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް 1.94 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބެ އެވެ.