މި އަހަރު ނިމުމުގެ ކުރިން އާއްމުންނަށް ޓްރެޝަރީ ބިލަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖްލީހުުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މާލީ ސެކިއުރިޓީސް މާކެޓް ތަރައްގީކުރުމުގެ މަސައްކަތްތަކެއް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ގޮސްފައިވާ ހިސާބުން މިއަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ އާއްމު ރައްޔިތުންނަށް ވެސް ޓްރެޜަރީ ބިލަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ސެކަންޑްރީ މާކެޓް، ސީއެސްޑީގެ ޕްރޮޖެކްޓްގެ މަސައްކަތް މަސައްކަތް ކުރިއަށް ގެންދަނީ އެމްއެމްއޭ އިން ލީޑު ނަގައިގެން. އަޅުގަނޑަށް އެނގިފައިން ގޮތުން މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ، އަދި ސެކަންޑްރީ މާކެޓަށް ހަމަ އާއްމު ރައްޔިތުންނަށް ވެސް އަދި ކުޑަކުޑަ ޑިނޯމިނޭޝަންސްތަކުން ވެސް ޓްރެޝަރީ ބިލަށް އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ޓީ ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.

ޓީ ބިލަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ- ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަބުރައި ދައުލަތުން އެފަރާތަކަށް ދައްކަނީ އޭގެ އަސްލު އަގުގަ އެވެ. މީގެ ސަބަބުން ޓީ ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެ އެވެ.