ކ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކުގެ މަގު ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން ހަވާލުވެއްޖެ އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކ. އަތޮޅާއި ވ. އަތޮޅު ހިމެނޭހެން ބާރަ ރަށެއްގެ މަގު ބައްތި ބެލެހެއްޓުމުގެ އެއްބަސްވުމެއްގައި އެ ރަށްތަކުގެ ކައުންސިލާއެކު ސޮއިކޮށްފަ އެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށް އެކުންފުނިން ބުނެ އެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ މަސައްކަތަކީ، ރަށްރަށުގެ މަގުތަކާއި އާއްމު އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާ، ކައުންސިލްތަކުން ބަލަހައްޓަމުން އަންނަ މަގުބައްތިތައް ބެލެހެއްޓުމާއި މަރާމާތު ކުރުމެވެ.

ސްޓެލްކޯއިން މަގުބައްތި ބެލެހެއްޓުމަށް ހަވާލުވެފައިވާ ރަށްތައް:

  • ކ.ގާފަރު
  • ކ.ދިއްފުށި
  • ކ.ތުލުސްދޫ
  • ކ.ހިންމަފުށި
  • ކ.ގުޅީ
  • ކ.މާފުށީ
  • ކ.ގުރައިދޫ
  • ވ.ފުލިދޫ
  • ވ.ތިނަދޫ
  • ވ.ފެލިދޫ
  • ވ.ކެޔޮދޫ
  • ވ.ރަކީދު

މިއަދު ސޮއި ކުރެވުނު 12 ރަށާއެކު 29 ރަށެއްގެ މަގު ބައްތިތައް ސްޓެލްކޯއިން އަންނަނީ ބަލަހައްޓަމުންނެވެ. ސްޓެލްކޯއިން މަގު ބައްތިތައް ބެލެހެއްޓުމާއި ހަވާލުވެފައިވަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަތޮޅުތަކުގެ ރަށްތަކުގަ އެވެ.

ކ.އަތޮޅާއި ވ.އަތޮޅުގެ ރަށްތަކުގެ މަގު ބައްތި ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިްޔާތުގެ ތެރެއިން.. ފޮޓޯ: ދަ ޕްރެސް

މި މަސައްކަތަކީ ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެކެވެ. ކައުންސިލްތަކުން ފާހަގަކުރިގޮތުގައި އާއްމު ރައްޔިތުންނަށް ލިބޭ ލުއީގެ އިތުރުން، މި ރަށްތަކަކީ ފަތުރުވެރިކަންވެސް ކުރާ ރަށްތަކަކަށް ވުމާއެކު މުހިންމު ޚިދުމަތެކެވެ. އަދި ކައުންސިލުން ލައިޓްތައް މަރާމާތުކުރަން ކުރާ ހޭދަ ސަލާމަތްވުމަކީ، ރަށުގެ ތަރައްގީއަށް އިތުރު މަސައްކަތް ކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.