މިވަގުތު ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޓީއާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ދެކޮޅު ހަދައިފި އެވެ.

ޓެކްސް ބޮޑުކުރުމާ ބެހޭ ބިލުގެ ދިރާސާއަށް މިއަދު ކަމާ ބެހޭ މުއައްސަސާތައް މަޖިލީހުގެ މުޅި ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން މަޓީން މަޖިލީހަށް ފޮނުވި ސިޓީގައިވަނީ މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށާއި، މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ އެކި ލޮޅުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ޓެކްސްއަށް ގެންނަ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް މަދުވެގެން 12 މަސްދުވަސް ދިނުމަށް މަޓީން އެދިފައިވެ އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

ގެސްޓުހައުސް އެސޯސީއޭޝަންގެ ފައިނޭންޝަން ކޮންޓްރޯލާ ހަސަން އަލިމަނިކު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން ގެސްޓުހައުސް ވިޔަފާރިއަށް ގެއްލުންވާނެ ކަމަށެވެ. އެގޮތުން 20 ނުވަތަ 25 ޕަސެންޓުން ޑިމާންޑު ދަށަށް ދާނެ ކަމަށާއި އެއީ ގެސްޓުހައުސް ވިޔަފާރީގައި ރާއްޖެގޭ އެންމެ ބޮޑު ކޮމްޕެޓިޓަރުންގެ ތެރޭގައި ހިމެނޭ ގައުމުތަކުން ނަގަނީ ކުޑަ ޓެކްސްއެއް ކަމުގައި ވުމުން ކަންވެސް ގެސްޓް ހައުސް އެސޯސިއޭޝަނުން ފާހަގަކުރި އެވެ.

ގެސްޓުހައުސްތަކުން ވެސް އަދިވެސް އަންނަނީ ކޮވިޑާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ އިންޑަސްޓްރީއަށް އައި ލޮޅުންތަކުން އަރައިގަންނަމުން ކަމަށާއި އެހެންކަމުން ގެސްޓް ހައުސްތަކުން ތިބީ ތިބީ ޓެކްސް ރިޑަކްޝަނެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށްވެސް އެއެސޯސިއޭޝަނުން ބުންޏެވެ.

މަޖިލީހުގައި ރައީސް ސޯލިހުގެ ފެކްޝަނަށް ތާއީދުކުރާ މެމްބަރުން މިއަދުވެސްވަނީ ޓެކްސް ބިލު ހުށައަޅާފައިވާ ގޮތަށް ފާސްކުރުމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.