ކޯވިޑް -19ގެ ސަބަބުން ވިޔަފާރިތައް ވެއްޓުނު ދުވަހު ކޮޅަށް ޖަހައިދިނީ ސަރުކާރުން ކަމަށާއި، އެކަމުގެ އަގެއް އޮންނަންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ޓެކްސް ނެގުމާއި ޓެކްސް ބޮޑުކުރުމަކީ ކޮންމެ ގައުމެއްގައި ވެސް ވިޔަފާރިވެރިން އަދި ރައްޔިތުން ވެސް ތާއިދުކުރާނެ ކަމެއް ނޫން ކަމަށެވެ.

އަމީރު ވަނީ ކޯވިޑްގެ ހާލަތުގައި ވެސް ސަރުކާރުން ވިޔަފާރިތައް ހަރުދަނާކުރުމަށް އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެން ޑެބްޓް މޮރިޓޯރިއަމްތައް ނެގިން. އަޅުގަނޑުމެން އެސްއެމްއީތަކަށް ލޯނު ދިނިން. ބޮޑު ވިޔަފާރިތަކަށް ލޯނު ދިނިން. ރިސޯޓް ސެކްޓާތަކަށް ލޯނު ދިނިން. އިންޑިވިޖިއަލް މީހުންނަށް ލޯނު ދިނިން. އެ ފުރުސަތު ހުޅުވާލީމަ އަޅުގަނޑުމެންނަށް ޖަންޕު ޖަހަން ފުރުސަތު ލިބުނީ. އެކަން އެގޮތަށް ކުރީމަ އޭގެ ކޮސްޓެއް ވެސް އެބައިން. އެ ކޮސްޓަކީ ޕަބްލިިކް ފައިނޭންސެސްއަށް ވަރަށް ބޮޑު ހިޓެއް ނެގުނު. ދައުލަތުގެ ދަރަނި ވެސް އިތުރުވެގެން ދިއުން،" އަމީރު ފާހަގަކުރެއްވި އެވެ.

ކޮވިޑް-19ގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލްކުރާ ހުރިހާ ފަރާތްތަކާއި ބައްދަލުކުރައްވާފައިވާނެ ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައި ވަނީ ކީއްވެގެންކަން ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިި އެވެ.

2020 ވަނަ އަހަރުން ފެށިގެން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމުން ގެއްލުނު އާމްދަނީން އާއި ޕަބްލިކް ފައިނޭންސުން ވަރަށް ބޮޑު ތަނުން ގެއްލުން ވެފައިވާކަން އަމީރު ފާހަގަކުރެއްވި އެވެ. އަދި ޕޮޓެންޝިއަލް ޖީޑީޕީން 98 ބިލިއަނެއްހާ ރުފިޔާ ގެއްލުނު ކަމަށާއި، ޕަބްލިކް ފައިނޭންސުން 36 ބިލިއަނެއްހާ ރުފިޔާ ގެއްލުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާ އެއްކޮށް ވެސް ސަރުކާރުން ރެސްޕޮންސިބަލް ގަވަމެންޓެއްގެ ގޮތުގައި ކައުންޓާ ސިކްލިކަލް ފިޒްކަލް ޕޮލިސީއެއްގެ ދަށުން އަޅުގަނޑުމެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް މިއަދު މިހާލަތުގައި މިއޮތީ. އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެންނަށް ފުރުސަތު މި ލިބެނީ،" އަމީރު ވިދާޅުވި އެވެ.