ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ "ވާވޮށި ޓާޓަލް ފެސްޓިވަލް 2022"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ބައިންލައަގުވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ފެސްޓިވަލް ކުރިއަށްދާނީ ނ. ޅޮހި، ރ. ފައިނު، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހުރާ، ކ. މާފުށި، ވ. ކެޔޮދޫ އަދި ސ. ފޭދޫ، މި 8 ރަށުގައި އެއްފަހަރާ އެވެ.

"ވާވޮށި ޓާރޓްލް ފެސްޓިވަލް" ކުރިއަށްދާނީ މި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެންނެވެ. މިގޮތުން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލް ގައި ބައިވެރިވެވޭނެ އެވެ. މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެސްޓިވަލް ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެ އެވެ. އަދި "ވާވޮށި ފެސްޓިވަލް ރެލީ"ގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މިފެސްޓިވަލްއާއި ގުޅުވައިގެން ވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރު ޑިޒައިން ކުރުމުގެ މުބާރާތެއް ވެސް ހުޅުވާލާފަ އެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.