ސްރީލަންކާގެ ސަންކެން އޯވަސިސް އިން ހަދާ ރ. ކޮތައިފަރުގައި ތަރައްގީ ކުރާ 60 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 924 މިލިއަން ރުފިޔާ) ގެ ރިސޯޓް އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

މަޝްހޫރު ހޮޓެލް ޗެއިން ހަޔަޓް ހޮޓެލްސް ކޯޕަރޭޝަންގެ "އަލީލާ" ނަމުގައި ހުޅުވާ ރިސޯޓު ތަރައްގީ ކުރަނީ ސިންގަޕޫރު ހޮސްޕިޓާލިޓީ ހޯލްޑިން ލިމިޓެޑާއި ސަންކެން ގުޅިގެންނެވެ.

ސަންކެން އިން "ހުރިހާ"އަށް ފޮނުވި ނޫސްބަޔާނެއްގައި ވަނީ އެ ރިސޯޓުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ކަމަށެވެ. އަދި މި މަޝްރޫއު ކުރި އަށް ގެންދަނީ ސްރީލަންކާގެ ސަމްޕަތް ބޭންކް ލިމިޓެޑާއި ކޮމާޝަލް ބޭންކް އޮފް ސްރީލަންކާ ގުޅިގެން ދީފައިވާ 30 މިލިއަން ޑޮލަރުގެ ޑެޓް ފައިނޭންސީން ފެސިލިޓީއެއްގެ އެހީގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ކުންފުނީގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ މިވަން ގުނަތިލެކަ ވިދާޅުވެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ބާޒާރުގައި އެ ކުންފުންޏަށް ވިޔަފާރި ކުރެމުން ދަނީ ދެ ބޭންކުގެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ކޮވިޑް-19 ގެ ބަލި ކޮންޓްރޯލްކޮށް ރާއްޖޭގެ ޓޫރިޒަމް ހަމަމަގަށް އަޅުވަން ކުރަމުންދާ މަސައްކަތް ފާހަގަ ކޮށްފަ އެވެ.

ކޮތައިފަރަކީ މިދިޔަ އަހަރު ރިސޯޓު ތަރައްގީ ކުރަމުން ދަނިކޮށް ތާރީހީ ސަރަހައްދެއް ފެނުނު ރަށެވެ. އަދި މި ސަރަހައްދު ފެނުމާއެކު ރިސޯޓުގެ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް އެ ތަން ހިމާޔަތް ކޮށްފައިވާ ކަމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

ކޮތައިފަރުގައި ހަދަނީ 80 އެނދުގެ ރިސޯޓެކެވެ. އަލީލާ ބްރޭންޑްގެ ރިސޯޓެއް އެންމެ ފުރަތަމަ ރާއްޖޭގައި ހުޅުވީ ގއ. ހަނޑަހާގަ އެވެ. މިހާރު އެ ރަށް ހިނގަނީ ޕާކް ހަޔަޓްގެ ނަމުގަ އެވެ.