ދައުލަތުގެ އާމްދަނީ އިތުރުކޮށް އާންމު ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ވިޔަފާރިތަކުން ޓެކުސް ނެގުން އިތުރުކުރުން މުހިންމު ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވިސް (ޓީމް)އިން ބުނެފި އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ. ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ބޮޑެތި ވިޔަފާރިތަކުން ވަނީ އެކަމާ ދެކޮޅުކަން ހާމަކޮށްފަ އެވެ.

މިކަމާ ގުޅިގެން ޓީމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދުކުރައްވާ ކަމަށާއި ހުށަހެޅުމަކީ ނުހަނު މުހިންމު ހުށަހެޅުމެއް ކަމަށެވެ.

ފަތުރުވެރިންގެ އަތުން ނެގޭ ޓީޖީއެސްޓީ އާއި، ވިޔަފާރިވެރިންގެ އަތުން ނެގޭ (ބީޕީޓީ) އަދި މުއްސަނދިންގެ އާމްދަނީން ނެގޭ (އިންކަމް ޓެކްސް) އިތުރުކުރުމަކީ ފަގީރުންނާއި މުއްސަނދިންނާއި ދެމެދުގައި ހުންނަ ފަރަގު ކުޑަވެ އިގްތިސާދަށް އޭގެ ސަބަބުން ނުހަނު މަންފާވާނެ ކަމެއް ކަމަށް ޓީމް އިން ވަނީ ބުނެފަ އެވެ.

ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ބިމު ކުއްޔާއި، ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ ހޯދުމަށް ސަރުކާރުން މި ދަނޑިވަޅުގައި މަސައްކަތް ކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފަ އެވެ.

"ނިމިދިޔަ 50 އަހަރު މި ސިނާއަތް އަދި އިޤްތިސާދު ދެމިއޮތީ ރިސޯޓް އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމުން، އަންނަން އޮތް 50 އަހަރު މި ސިނާއަތް ޒިންމާދާރުކޮށް ދެމެހެއްޓެނިވި، އެންމެންގެ ލާބަޔާއި، މަންފާއަށް، ހާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގޭ 50 އަހަރަށް ހެދުމަށް ގޮވާލަމެވެ،" ޓީމް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.