"ޗަނާޗާ 2022" މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

މި ފެސްޓިވަލްއަކީ މަޝްހޫރު ދިވެހި ސްޓްރީމިން ޕްލެޓްފޯރމް ކަމަށްވާ ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު މި ބާއްވާ 'ޗަނާޗާ' ފެސްޓިވަލް މިފަހަރު ބޭއްވިގެންދާނީ އެހެން ފަހަރުތަކަށްވުރެ ކުލަ ގަދަކޮށެވެ. މިގޮތުން ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން ބޭރު ގައުމުތަކުގެ ނަން މަޝްހޫރު އާޓިސްޓުން ވެސް މި ޝޯ ގަ ބައިވެރިވާނެ އެވެ.

ޝޯގައި ފެނިގެންދާނެ ދިވެހި މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ރަވިއޯ، ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވް ހިމެނެ އެވެ. މީގެ އިތުރުން ބައިންލްއަގުވާމީ ލަވަކިޔުންތެރިން ކަމަށްވާ ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އަދި އިންޑޮނޭޝިއާގެ އާޓިސްޓެއް ކަމަށްވާ ނަތާޝާ ރަތުނަޔަކެ ވެސް "ޗަނާޗާ 2022" އިން ފެނިގެންދާނެ އެވެ.

"ޗަނާޗާ 2022" އޮންނާނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހަވީރު 4:00 ން 6:00 ކަށް އަދި ރޭގަނޑު 8:00 ން 10:00 އަށެވެ. ހަވީރު ޝޯގެ އެންޓްރީ ހިލޭ ނަމަވެސް ރޭގަނޑު ޝޯއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާގެ މި ޓިކެޓު ބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުޞަތުތައް މަގުފަހިވެގެންދާ މިފަދަ އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.