މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖުމްލަ އަދަދަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 1,321,937 ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެއީ 2021 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ކަމަށް މިނިސްޓަރު މައުސޫމު ވިދާޅުވި އެވެ.

މި ކާމިޔާބީއާއެކު މިނިސްޓަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން 186،388 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 159،657 މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ 166 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 40،389 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 872 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 157 ސަފާރީއެއްގައި 2900 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެއަދަދަށް ވާސިލްވުމަށް މިނިސްޓްރީންނާއި، އެމްއެމްޕީއާރްސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.