މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ގާއިމުކުރި "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފު ވިޔަފާރިއެއް ގޮތުގައި ނޫން ކަމަށާއި އެކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެ ތެރެއިން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމަށް މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެކަމާއި ހޯދޭނެ ގޮތްތައް ލާމަރުކަޒީ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، އާމްދަނީ ހޯދުމުގެ ހުއްދަ އަކީ ޤާނޫނުން ކައުންސިލްތަކަށް ދީފައިއޮތް ހުއްދައެއް ކަމަށެވެ.

އެގޮތުން މާލޭގަ ފެހިކުރަންޖެހޭ ސަރަޙައްދުތަކާއި ޕާކުތަކާއި މައިދާންތަކަކީ އަބަދު ބަލަހައްޓަންޖެހޭ ތަންތަން ކަމަށްވީއިރު، މިކަންކަން ކުރުމަށް ސަރުކާރުގެ ބަޖެޓުތެރެއިން ފައިސާއެއް ނުދެއްވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މިއާއެކު މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއް ހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ނޫން ކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލްގެ އިމުގެ ތެރެއިން ކުރިއަށް ގެންދަވާ މަޝްރޫޢުއެއް ކަމަށެވެ.

”މިއީ ނުގަވާއިދު ވިޔަފާރިއެއް ނޫންކަމަށާއި މިކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން. އަޅުގަނޑުމެންނެއް ނޫޅެން އަޅުގަނޑުމެންގެ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއްހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދާކަށް،" މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުންފުނި ހެދުމުގެ ހުއްދައަށް އެދިފައިވާތާ އަހަރަކާ ގާތްވެފައިވާއިރު ވެސް ސަރުކާރުން އެ ހުއްދަ ވެސް ދެއްވާފައި ނުވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"ދެން ކުންފުނި ހަދަން އުޅުނީމަ އެކަމަށް ވެސް ހުއްދައެއް ދެއްވީކީ ނޫން. އެކަމަށް ޖަވާބެއް ނުދެއްވާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، ކުރިއަށްދެވޭނެ އެއްވެސް މަގެއްވެސް ފަހިކޮށްދީފައިނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ ފެހިކަން ގާއިމްކުރުމަށާއި، މިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ވެސް އެފުރުޞަތު ފަހިވާނެ ގޮތަކަށް ކަމަށެވެ. އަދި މި ކަމުގެ ބޭނުމަކީ އެކަމަށް ކުރާ ޚަރަދު އަނބުރާ ލިބި، ކައުންސިލަށް ވެސް ފައިދާ ލިބި، އެފައިދާ އަކީ ރައްޔިތުންނަށް އިންވެސްޓްކުރާ އެއްޗަކަށް ހެދުން ކަމުގައި މޭޔަރު ވިދާޅުވި އެވެ.

"މާލެ ފެހި" މިއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި، އެތަން ހުޅުވައިގެން މިވީ މުއްދަތުގެ ތެރޭގައި ވަރަށްގިނަ ރައްޔިތުން އެތަނަށް ޒިޔާރަތްކޮށް ގަސް ބައްލަވައިގަނެ މީގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ކައުންސިލަށް ފަހިވެގެންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެންކަމުން މިއީ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ ކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވި އެވެ.

"މިއީ ހަގީގަތުގައި ވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭ ކަމެއް. އެކަމަށް މަރުހަބާ ވެސް ކިޔަންޖެހޭނެ ކަމެއް. އެހެން ނަމަވެސް މިފެންނަނީ މިކަން ހުއްޓުވަން މަސައްކަތްކުރާތަން،" މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، މާލެ ތެރޭގައި ނުގަވާއިދުން ހިންގާ އެތައް ވިޔަފާރިތަކެއް ހުރިނަމަވެސް އެކަންކަން ހުއްޓުވުމަށް އެއްވެސް ކަމެއްކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

"ނުގަވާއިދުން އުޅޭ ބިދޭސީން. ނުގަވާއިދުން ފިހާރަތައް އެބަ ހިންގާ.އޭގެ ސަބަބުން ދިވެހިންނަށް އެތައް ފުރުސަތުތަކެއް ގެއްލި ބަނގުރޫޓުވަމުން ވެސް އެބަދޭ. އެތަންތަނެއް ހުއްޓުވާ ތަނެއް ނުފެނޭ. އޭގެ ބަދަލުގަ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކައުންސިލުން ކުރާކަންތައްތަކެއް ހުއްޓުވާތަން މިފެންނަނީ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހޯދާ ފައިސާ އަކީ އޭގެން ޓެކްސް ނެގޭނެ އެއްޗެއް ނޫން ކަމަށާއި، "މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ކައުންސިލް ޖޫރިމަނާ ކުރުމަށް ފޮނުވި ލިޔުމާއިމެދު ޢަމަލުކުރަންޖެހޭ ގޮތާއިމެދު ކައުންސިލްގެ ޤާނޫނީ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ހޯދާ ފައިސާ އަކީ އޭގެން ޓެކްސް ނެގޭނެ އެއްޗެއް ނޫން. ކައުންސިލުން ކުރިއަށްދާނީ ޤާނޫނީ އިމުގެ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.

އޮކްޓޯބަރު 8 ވަނަ ދުވަހުގެރޭ ހުޅުވިގެން ދިޔަ "މާލެ ފެހި" އައުޓްލެޓުން އާންމު ފަރާތްތަކަށް ވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފަ އެވެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން އެބަހުއްޓެވެ. އަދި މިއާއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.