ދިރާގުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމާއި ނެޓްވޯކު ފުޅާކުރުމަށް 55 މިލިއަން ޑޮލަރުގެ ލޯނެއް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ދޭން ނިންމައިފި އެވެ

އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)ން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ 25 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި 30 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ކަމަށެވެ. އެގޮތުން ފުރަތަމަ ދޭ 25 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރާނީ ދިރާގުގެ ހިންގުމުގެ ހަރަދުތަކަށާއި 5ޖީ އަދި ފައިބަ ބްރޯޑްބޭންޑު ހިދުމަތް ރަށްރަށުގައި ފުޅާކުރުމުގެ އިތުރުން އެ ކުންފުނިން ރާއްޖޭގައި އަޅާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ތަރައްގީ ކުރުމަށް ކަމަށް އައިއެފްސީން ބުންޏެވެ.

30 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުން ކުރާނީ، އައިއެފްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ދިރާގުން ބައިވެރިވެފައިވާ "ސީ.މީ.ވީ 6" ސަބްމެރިން ކޭބަލްގެ މަސައްކަތަށެވެ.

މީގެ އިތުރުން ދިރާގުން ރާއްޖޭގައި އަޅަމުން އަންނަ ޑޮމެސްޓިކް ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލް ވިއުގަ އިތުރަށް ތަރައްގީކުރުމަށް ވެސް މި ފެސިލިޓީ ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިއެފްސީން ދިރާގަށް ދޭ 30 މިލިއަން ޑޮލަރުގެ ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދުނިޔެއާއި ރާއްޖެ ގުޅާލުމަށް ދިރާގުން ރާއްޖޭގައި އަޅާ "ސީމީވީ 6" ސަބްމެރިން ކޭބަލްގެ މަސައްކަތަށްކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މިއީ ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލުމަށް އަޅާ ސަބްމެރިން ކޭބަލެކެވެ. މި ކޭބަލް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ.

އެ މަސައްކަތް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ނިންމޭނެކަމަށް ދިރާގުން ވަނީ ލަފާކޮށްފަ އެވެ.

އައިއެފްސީއަކީ ވޯލްޑް ބޭންކް ގްރޫޕްގެ މެންބަރެކެވެ. އައިއެފްސީން އަންނަނީ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ތަރައްގީގެ އެކިއެކި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.