އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ މި އަހަރުގެ ތިންވަނަ ކުއާޓާގެ ހިސާބުތައް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

އެ ކުންފުންޏަށް ދެވަނަ ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުމެވެ.

މި އަހަރުގެ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ، އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި އެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވިފައިވުމެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއި އެކު ސާފު ފައިދާ ވަނީ އިތުރުވެފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، އަށް އިންސައްތައިގެ ކުރިއެރުމަކާއެކު މިކުއާޓާގައި ވަނީ 168 މިލިއަން ރުފިޔާ ލިބިފަ އެވެ.