ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް 19 އަށް ފަހު ސަރުކާރުން އެންމެ އިސްކަން ދޭ އެއް ދާއިރާ އަކީ ސިއްހީ ދާއިރާ ކަމަށެވެ. މުޅި ސިއްހީ ދާއިރާ އަށް ފަސް ބިލިއަން ރުފިޔާ އަންނަ އަހަރު ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް އެބަދޭ. މި މަޝްރޫޢުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު މިހާރު ވެސް ވަނީ އެތައް ތަނެއް މަތިކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ މިނިވަންކަމާ އެކު ހިންގޭނެ ތަންތަންކަން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަމުންދާ ކާމިޔާބީއިން ދޭހަކޮށްދޭ. ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅާ ބަލާއިރު، ތިން ގުނަ އަންނަ އަހަރު ބޮޑުވާނެ. އެއާއެކު، ހިދުމަތްތަކުގެ އަދަދާއި ފެންވަރު ވެސް ރަނގަޅުވާނެ." އަމީރު ވިދާޅުވި އެވެ.

ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށާއި، ރައީސް ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގައި ރާވައިފައިވާ ކަމަށެވެ.

"އަތޮޅުތެރޭގައި 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓުވާނީ އިތުރުކޮށްދީފައި. ހަމަ އެހެންމެ، ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ވާނީ ބަޖެޓްކުރެވިފައި. މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މި ދާއިރާ އަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.