އަންނަ ޖެނުއަރީ 1 އިން ފެށިގެން ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން ފާސްކޮށްފި އެވެ.

ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި ވޯޓަށް އެހިފަ އެވެ. ނަމަވެސް އެއްވެސް އިސްލާހެއް ކޮމެޓީން ފާސްވެފައި ނުވެ އެވެ.

މި އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ޓެކްސް ބޮޑުކުރަން ފާސްކުރީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް، އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.