ސަރުކާރުން ފަސް އަހަރަށް ރައްޔިތުންނަށް ވާ ވައުދު ފުއްދަން ފަސް އަހަރު ބޭނުންވާނެ ކަމަށާއި ކޮވިޑަށް ދެ އަހަރު ކަނޑާލުމުން ވައުދު ފުއްދަން ލިބެނީ ތިން އަހަރު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުން ވަނީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ފަހި މާހައުލެއް ގާއިމްކޮށްދީފައި ކަމަށެވެ. އަދި ކޮވިޑްގެ ހާލަތާއެކު ވެސް ވަރަށް ގިނަ ކަންކަން ކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަސް އަހަރަށްވާ ވައުދަށް ފަސް އަހަރު ބޭނުންވާނެ. އޭގެ ތެރެއިން ކޮވިޑަށް ދެ އަހަރު ކަނޑާލީމާ އިންނާނީ ތިން އަހަރު. މި ތިން އަހަރުގެ ތެރޭގައި ވެސް އައްޑޫ ސިޓީއަށް ސަރުކާރުން ދަނީ ގިނަ ކަންތައްތައްކެއް ކޮށްދެމުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރަކުން އާއްމުގޮތެއްގައި ކޮށްދޭ ކަމަކީ ވިޔަފާރިތަކަށް ފަހި ކޮށްދިނުން ކަމަށާއި އައްޑޫގެ ޓޫރިޒަމާ ގުޅޭގޮތުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ވަގުތު ނެގިޔަސް އައްޑޫ ސިޓީގެ ޓޫރިޒަމް ވަރަށް ފަހި ވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްވަނީ ޝަންގްރިއްލާ ހުޅުވޭނެ ދުވަހަކާ ބެހޭ ގޮތުން ވެސް ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ވަޒީރަށް ވަކި ތާރީޚެއް ނުދެއްވުނެވެ.

ޓޫރިޒަމް ޓީމާއި އައްޑޫ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާ އެކު ދެ ފަހަރެއްގެ މަތިން ޝަންގްރިއްލާއަށް ގޮސް ބެލި ބެލުމުން ވެސް އެތަން ރިނޮވޭޓްކުރަން ޖެހޭކަން އެނގުނު ކަމަށާއި އެހެންވެ ރިނޮވޭޓް ކުރުމަށްފަހު ހުޅުވުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝަންގްރިއްލާ ހުޅުވެން އޮތް ގޮތަކީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލައިގެން ނޫނީ 68 މިލިއަން ޑޮލަރު ލިބިގެން ކަމަށް މިދިޔަ ފެބްރުއަރީ މަހު މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، މާކެޓް ވެލިއުގައި އެސެސްކޮށް އަގުހެދުމަށް ފަހު ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ގަވާއިދު ހަދައިގެން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޖުލައި މަހު ވިދާޅުވި އެވެ.

"އެ ހަދަންޖެހޭ މިނިވަން އިވެލުއޭޝަން ހަދައި ނިމި، މި ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީން އަޅުގަނޑަށް ހަބަރުދެއްވާ ގޮތުގައި މި ހަފްތާ ތެރޭގައި ފައިނަލް ރިޕޯޓު ނިންމާލެވޭނޭ. އަލުން ހިސާބު ހަދާލީމަ ހިއްސާ ބަދަލުކުރުމުގައި ސަރުކާރުން އެ ދޭންޖެހޭ ލާރިއާއި އަޅާ ކަނޑާފަ އެކަންތައް ހައްލުކޮށްލެވޭ ކަހަލަ ގޮތަކަށް އޮތްކަމަށް އަޅުގަނޑަށް ހަބަރު ލިބެނީ. ދެން އެއީ ވިދިވިދިގެން ހިނގާ ދެކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.