އެމްޓީސީސީއަށް މި އަހަރުގެ ތިން ވަނަ ކުއާޓާގައި 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި، 47.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 77.78 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 38 އިންސައްތަ ދަށް އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 75.31 މިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު ދަށްވެފައި ވަނީ ޖުލައި މަހުގެތެރޭ ބޮޑު ޗުއްޓީއެއް އައުމާ ގުޅިގެން އެ ކުންފުނީގެ ޓްރޭޑިން ސެގްމަންޓަށް އެކަމުގެ އަސަރުކުރުމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާއެކު، އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ހިސާބުތައް ހާމަކޮށްފައިވާއިރު، ފުރަތަމަ ނުވަ މަސް ދުވަހުގެތެރޭ އެމްޓީސީސީއާ ށް ވަނީ އާމްދަނީގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 200 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެމްޓީސީސީން މީގެކުރިން ބުނެފައިވަނީ މި އަހަރު ނިމޭއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އެމްޓީސީސީން ވަނީ މިދިޔަ އަހަރުތެރޭ ރެކޯޑު އަދަދެއްގެ ފައިދާއެއް ހޯދައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ އެމްޓީސީސީއަށް ލިބިފަ އެވެ.