ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ބޮޑު ތިލަދުންމަތީގައި އިތުރު ހަ ރިސޯޓެއް ހުޅުވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްދުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވި، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އިތުރު ހަތަރު ރިސޯޓު ހުޅުވިގެންދާނެ ކަމަށެވެ. އަދި ގެސްޓު ހައުސްތަކުން އިތުރުވާނެ ފަތުރުވެރިކަމުގެ އެނދުގެ އަދަދާއެކު ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުގެ އަދަދު 3،700 އަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތިން އަހަރު ތެރޭ އިތުރު ހަތަރު ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެ. އެއީ ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، މާއިންފަރު އަދި ކަބާލިފަރު، މީގެ އިތުރުން ޓޫރިސްޓު ހޮޓާތައް ތަރައްގީކުރުމުގެ މަސައްކަތް ހއ. ކެލާ، ހއ. އުތީމް، އަދި ހއ، ވަށަފަރުގައި ކުރިއަށް ގެންދާ ހޮޓާ ރިސޯޓު ނިމި 404 އެނދު ތައާރަފްކުރެވޭނެ ކަމަށް ބެލެވޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހއ.ހދ. އަދި ށ. އަތޮޅުގައި ރިސޯޓު، ހޮޓާ އަދި ގެސްޓް ހައުސްތަކުން ފަތުރުވެރި ކަމަށް 1،724 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 1،524 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ވެގެންދިއުމުން ފުރަތަމަ އަހަރު ތެރޭގައި ކޮންމެ ދުވަހަކު އެ އެއާޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި ހަނިމާދޫ އެއާޕޯޓާއި ތަރައްގީވެ، ފަތުރުވެރިކަން ކުރިއަރައިގެންދާއިރު އެ ސަރަހައްދުގައި އަސާސީ ކަންކަން ފުރިހަމަވާންޖެހޭ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ އާއި އިންޓަނެޓުގެ ޚިދުމަތާއި، ރެސްޓޯރެންޓު ފަދަ ޚިދުމަތްތައް ތަރައްގީކުރަންޖެހޭނެ ކަން ޑރ. މައުސޫމް ފާހަގަކުރެއްވި އެވެ.