ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.73 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިފަހަރު ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީބިލެއް ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކުމަށް ހުޅުވާލާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކަމަށް 1.07 ބިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 297 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 50 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކަން ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 316.6 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

މިހުޅުވާލި ޓީބިލް ގަންނަ ފަރާތްތަކުން ފައިސާ ދައްކައި ނިންމަން ޖެހެނީ އަންނަ ހޯމަ ދުވަހަށެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ 63.52 ބިލިއަން ރުފިޔާއަށް އަރަ އެވެ.