ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމަށް މަޝްވަރާ ކޮށްފި އެވެ.

އެ މަޝްވަރާކޮށްފައި މި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ޖޭމްސް ކްލެވަލީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޖޭމްސް ކްލެވަލީ ފޮރިން ސެކްރެޓަރީގެ މަޤާމަށް އަލުން އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، އިނގިރޭސިވިލާތާއެކު ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން މަސައްކަތް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދާއި ސެކްރެޓަރީ ކްލެވަލީއާ ވަނީ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުންން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ހާއްސަކޮށް ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

މިނިސްޓަރު ޝާހިދާއި ފޮރިން ސެކްރެޓަރީ ވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަމާއި، ހާއްސަކޮށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަންނެލި އެތެރެކުރާ އެއް ގައުމަކަށް ވާއިރު، އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން 20 އިންސައްތައިގެ ޑިއުޓީއެއް މިވަގުތު ނަގަ އެވެ.

މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އިސް އެހެން ބޭފުޅުންނާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.